ދުނިޔެ

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާން ސަރަޙައްދަށް ވަދެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކެއް ތައިވާނުގެ ސަރަޙައްދުގެ ތެރެއިން ދަތުރުކޮށްފައިވާ ކަމުގައި ތައިވާނުގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ. ޗައިނާގެ އަސްކަރިއްޔާގެ 11 މަތިންދާބޯޓު މީޑިޔަން ލައިން ނުވަތަ ދެ ޤައުމުގެ އިންވަކިކުރާ ރޮނގު ހުރަސްކޮށް ތައިވާނުގެ ސަރަޙައްދަށް ވަދެފައިވާ ކަމުގައި އެ ވުޒާރާއިން ބުންޏެވެ.

Ads by Sosun Fihaara

ތައިވާނަކީ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ވެރިކަން ކުރަމުންދާ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ވަކާލާތު ކުރަމުންދާ ބަޔަކަށްވީ ނަމަވެސް، އެއީ ޗައިނާގެ ބަޔެއްގެ ގޮތުގައި ޗައިނާއިން ދެކެއެވެ. އަދި، ކޮންމެ ވެސް ދުވަހަކުން ތައިވާނަށް އަރައި، އެ ތަން ހިފާނެ ކަމުގެ އިންޒާރު ވެސް ޗައިނާއިން ދަނީ ދެމުންނެވެ. ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައަކީ، އެމެރިކާއާއި ޗައިނާއާ ދެމެދު އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލައެވެ.

ހުސްވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާގެ އަސްކަރީ މަތިންދާބޯޓުތަކުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ތައިވާން ކައިރީގައި ހަރަކާތްތެރިވެފައިވާ ކަމުގައި ތައިވާނުން ބުނެއެވެ. ޗައިނާގެ އުޅަނދުތައް އެންމެ ގިނައިން ހަރަކާތްތެރި ވަނީ ތައިވާނުގެ ހުޅަނގުދެކުނުގެ ސަރަޙައްދުގައެވެ.

ތައިވާނުން ބުނީ ޖޫން 30 ވަނަ ދުވަހު ޗައިނާގެ 24 އަސްކަރީ މަތިންދާބޯޓު އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައިވާ ކަމުގައެވެ. އޭގެ ތެރެއިން 11 އުޅަނދު މީޑިޔަން ލައިން ހުރަސްކޮށް ތައިވާނުގެ ސަރަޙައްދަށް އެތެރެވެފައިވާއިރު، އެ އުޅަނދުތަކާ އެކު ޗައިނާގެ އަސްކަރިއްޔާގެ ފަސް މަނަވަރު ވެސް އެ ސަރަޙައްދުގައި ހަރަކާތްތެރިވެފައިވާ ކަމުގައި ތައިވާނުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ތައިވާނުން ވަނީ އެ ޤައުމުގެ އަސްކަރިއްޔާ އަދި ދިފާޢީ ނިޒާމުތައް ތައްޔާރީ ހާލަތަކަށް ގެނެސް، އަސްކަރީ މަތިންދާބޯޓުތައް ރުކުރުވައިލާފައެވެ. އަދި، ތައިވާނުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް އަސްކަރީ މަނަވަރުތައް ވެސް ފޮނުވާފައެވެ.

ތައިވާންގެ ސަރަޙައްދަށް ޗައިނާއިން އަނެއްކާވެސް އަސްކަރީ މަތިންދާބޯޓުތައް ފޮނުވާފައި މި ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިސް ވަފުދެއް ތައިވާނަށް ކުރަމުންދާ ދަތުރަކާ ދިމާކޮށް ކަމުގައި ތައިވާނުން ބުނެއެވެ. ތައިވާނަށް ދަތުރުކޮށްފައިވާ އެމެރިކާގެ ކޮންގްރެސްގެ ވަފްދުގައި އިސްކޮށް ހުންނެވީ ހައުސް އާމްޑް ސަރވިސަސް ކޮމިޓީގެ މުގައްރިރު މައިކް ރޮޖަރސްއެވެ.

ތައިވާނުން އެމެރިކާއާ ގުޅުން ބަދަހިކުރުމަކީ ޗައިނާއިން ރުހޭ ކަމެއް ނޫނެވެ. ތައިވާނުގެ ރައީސް ސައި އިންގް-ވެން އޭޕްރިލް މަހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަކާ ދިމާކޮށް ޗައިނާއިން ވަނީ ތައިވާން ވަށައިގެންވާ ކަނޑުގެ ސަރަޙައްދުތަކުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ތައިވާނަށް ބިރުދެއްކުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ޖޫން މަހުގެ 8 ވަނަ ދުވަހު ވެސް ޗައިނާއިން ވަނީ ގިނަ ޢަދަދެއްގެ އަސްކަރީ މަތިންދާބޯޓު ތައިވާން ކައިރިއަށް ފޮނުވާފައެވެ. އެ ހާދިސާއާ ގުޅިގެން ވެސް ތައިވާނުގެ ދިފާޢީ ނިޒާމުތައް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާއިރު، ޗައިނާގެ އަސްކަރިއްޔާގެ 37 މަތިންދާބޯޓު ވަނީ ތައިވާންގެ ސަރަޙައްދަށް ވަދެފައެވެ. އޭޕްރިލް މަހު އިންގް-ވެން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ކެވިން މެކާތީއާ ބައްދަލުކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!