އެސްސީއޯގެ ސަމިޓް ނިއުދިއްލީގައި ބާއްވައިފި
ޝަންގްހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ މެންބަރު ގައުމުތަކުން އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ވާޗުއަލް ސަމިޓްގައި އެ ޖަމާއަތުގެ ނިއު ދިއްލީ ގަރާރު ފާސްކޮށްފި އެވެ.
އެސްސީއޯ އިން އިއްޔެ ފާސްކުރި ގަރާރު އަމާޒު ކޮށްފައިވަނީ މަލްޓިލޭޓްރަލިޒަމް ވަރުގަދަ ކުރުމަށާއި އަދި ޓެރަރިޒަމް އާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ މައްޗަށެވެ.
ޔޫރޭޝިއާގެ ލީޑަރުން ވަނީ ދުނިޔޭގައި ދެމިގެންދާ އޮއިވަރުގެ ތެރޭގައި މި ޖަމާއަތުގެ މެދުގައި މެންބަރު ހުރިހާ ގައުމުތަކަށްވެސް ކާމިޔާބުވާ ގޮތަށް ކަންކަން ކުރުން ވަރުގަދަކުރުމަށް ގޮވާލާފަ އެވެ.
އިންޑިއާގެ ނިއުދިއްލީގައި އިއްޔެ ވާޗުއަލްކޮށް ބޭއްވުނު އެސްސީއޯގެ ބައްދަލުވުމުގައި މެންބަރު ގައުމުތަކުން ގުޅިގެން ނެރުނު ގަރާރު ފާސްކޮށްފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކުވަޓްރާ ވަނީ އިއުލާން ކުރައްވާފަ އެވެ.
އެސްސީއޯގެ މި ގަރާރުގައި އިސްކަންދީފައިވާ ކަންކަމުގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ ކަންކަމާއި ދެކޮޅަށް މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމާއި ޑިޖިޓަލް ދާއިރާގައި ތަރައްގީވަމުން އަންނަ ކަންކަމުގައި އެއްބާރުލުން ދިނުން ހިމެނެ އެވެ. އެސްސީއޯ އިން ވަނީ ޔޫރޭޝިއަން ސަރަހައްދުގައި ގުޅުން އިތުރަށް ބަދަހި ކުރުމަށް މެންބަރު ހުރިހާ ގައުމުތަކަށް އެއްބަސްވެވޭ 10 ގަރާރެއްވެސް މި ސަމިޓް ގައި ފާސްކޮށްފަ އެވެ.
ސަމިޓް ހުޅުވުމަށް ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެދިވަޑައިގެންފައިވަނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމް ހުއްޓުވުމަށާއި ޓެރަރިސްޓުންގެ ހާއްޔަކަށް ވެފައިވާ ތަންތަން ނައްތާލުމަށް ހަރުދަނާ މަސައްކަތް ތަކެއް ކުރުމަށެވެ.
"ބައެއް ގައުމުތަކުން ބޯޑަރު ހުރަސްކޮށް ޓެރަރިޒަމްގެ އަމަލު ހިންގުމާއި އަދި ޓެރަރިސްޓުންނަށް ހިޔާވަހިކަން ދިނުން އެއީ ސިޔާސަތެއް. އެސްސީއޯ އިން އެކަމާއި ދެކޮޅު ހެދުމަށް ޖެހިލުންވެގެން ނުވާނެ. ޓެރަރިޒަމްގެ އަމަލުތަކާމެދު ދެފުށް ދެގޮތް ވެގެން ނުވާނެ،" މޯދީ ވިދާޅުވެފައިވެ އެވެ.
އެސްސީއޯގެ ދެން އަންނަ ރިޔާސަތާއި މިއަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުވާނީ ކަޒަކްސްތާން އިންނެވެ.
ރަޝިއާގެ ރައީސް ޕުޓިން ސަމިޓްގައި ވިދާޅުވެފައިވަނީ އެގައުމަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ޕްރެޝަރު ތަހައްމަލު ކުރަމުން އަންނަ ކަމަށެވެ. އަދި ރަޝިއާ އާއި ޗައިނާގެ ވިޔަފާރިއާއި އިގްތިސޯދީ ގުޅުމަކީ ހުޅަނގުގެ ގަދަބާރު އޮބަހެއްޓުމުގެ ރަމްޒެއް ކަމަށެވެ.