ދުނިޔެ

ތާލިބާނުން ބިއުޓީ ސެލޫންތައް މަނާކުރުމާ ދެކޮޅަށް އަންހެން މޭކަޕް އާޓިސްޓުން އިހުތިޖާޖު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓޯލޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތާލިބާނުން ގަރާރެއް ނެރެ، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ ބިއުޓީ ސެލޫންތައް މަނާކުރިތާ ދުވަސްތަކެއް ފަހުން، ގިނަ އަންހެން މޭކަޕް އާޓިސްޓުން ވަނީ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް އެ އަމުރު ބާތިލް ކުރުމަށް ގޮވާލައިފަ އެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނުގެ ހުރިހާ އަންހެނުންގެ ބިއުޓީ ޕާލަރާއި ހެއާޑްރެސިން ސެލޫންތައް ބަންދުކުރުމަށް ތާލިބާނުން އެންގުމާ ގުޅިގެން އެ ގައުމުގެ 60،000 އަށް ވުރެ ގިނަ އަންހެނުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތް ކަމަށް ޚާމާ ޕްރެސް އިން ބުނެފި އެވެ.

ޔޫނިއަން އޮފް ވިމެންސް ބިއުޓީ ސެލޫންތަކަށް އެއްވެ މުޒާހަރާގެ ބައިވެރިން ބުނީ ބިއުޓީ ސެލޫންތައް ބަންދުކުރުމުން އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށެވެ. މޭކަޕް އާޓިސްޓެއް ކަމަށްވާ ނާދިޔާ ސުލްތާނީއާ ހަވާލާދީ ޓޯލޯ ނިއުސް އިން ބުނީ މުޅި އަފްގާނިސްތާނުގައި 12،000 އަށް ވުރެ ގިނަ އަންހެނުންގެ ބިއުޓީ ސެލޫން ހަރަކާތްތެރިވަމުންދާ ކަމަށާއި އެ އެންމެންނަކީ ވެސް އަންހެނުން ކަމަށެވެ.

"އަންހެނުންގެ ބިއުޓީ ސެލޫންތަކަކީ އަންހެނުންގެ ސަރަހައްދު. ކޮންމެ ބިއުޓީ ސެލޫނެއްގެ އިސްވެރިޔަކީ އަންހެނެކެވެ. އަންހެނުންގެ ބިއުޓީ ސެލޫނެއްގައި އަންހެނަކު މަސައްކަތް ކުރާއިރު އެއީ ތަކުލީފާއި ފަގީރުކަމުގެ ސަބަބުން ދިމާވާ ކަމެއް،" އެހެން މޭކަޕް އާޓިސްޓެއް ކަމަށްވާ ރަހާ ހަސަނީ ބުންޏެވެ. ތާލިބާނުން ނެރުނު އާ ގަރާރެއްގައި ވަނީ މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ކާބުލް އާއި އެ ގައުމުގެ އެހެން ޕްރޮވިންސްތަކުގައި އަންހެނުންގެ ބިއުޓީ ސެލޫންތައް ބޭއްވުން މަނާކޮށްފަ އެވެ.

ތާލިބާނުންގެ ވައިސް އެންޑް ވާޗު މިނިސްޓްރީން ވަނީ ތާލިބާނުންގެ ލީޑަރުގެ އާ ގަރާރަށް އަމަލުކުރަން ފެށުމަށާއި އަންހެނުންގެ ބިއުޓީ ސެލޫންތަކުގެ ލައިސަންސް ބާތިލް ކުރުމަށް ކާބުލް މުނިސިޕަލްޓީއަށް އަންގާފަ އެވެ. އިސްލާމިކް އެމިރޭޓްސް އިން ވަނީ އަންހެން ކުދިންނާއި އަންހެނުން ސްކޫލާއި ޔުނިވާސިޓީތަކަށް ދިއުމާއި އެންޖީއޯތަކުގައި މަސައްކަތް ކުރުމުގެ އިތުރުން ޕާކުތަކާއި ސިނަމާތަކާއި އެހެނިހެން މުނިފޫހިފިލުވުމުގެ ސަރަހައްދުތައް ފަދަ އާންމު ތަންތަނަށް ދިއުން މަނާކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!