ދުނިޔެ

ރެފިއުޖީންނާއެކު ދަތުރުކުރަނިކޮށް ގެއްލުނު ބޯޓް ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެފްރިކާގެ ސެނެގާލް އިން ރެފިއުޖީންނާ އެކު ފުރި 3 ބޯޓެއް ގެއްލިގެން ހޯދަމުން ދަނިކޮށް ބޯޓު ފެނިއްޖެއެވެ.

Ads by Sosun Fihaara

ސްޕެއިންގެ ކޯސްޓްގާޑުން ބޯޓުތައް ހޯދުމަށް މަސައްކަތް ކުރަނިކޮށް 1 ބޯޓު ފެނުނީ ކެނަރީ އައިލޭންޑްސް ކައިރިން ކަމަށާއި އޭގައި 86 މީހުން ތިބިކަމަށް ވަނީ މައުލޫމަތު ދީފައެވެ.

މި ބޯޓުތައް ގެއްލިގެން އުޅޭތާ 2 ހަފްތާއެއްހާ ދުވަސް ވެފައި ވާކަމަށް އިދާރާތަކުން ބުނާ އިރު، ބޯޓުތައް ހޯދުމަށް ކަނޑާއި ވައިގެ މަގުން ދަނީ ބަލަމުންނެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން އެފްރިކާގެ ގައުމުތަކުން ޔޫޕަރަށް ހިޖުރަކުން ބޭނުންވެ އެތައް ބަޔަކު ފުރަމުން ދާ އިރު ސްޕެއިންގެ ކޯސްޓްގާޑަށް ފެނުނު ބޯޓަކީ ގެއްލިގެން ހޯދަމުން ދާ 3 ބޯޓުގެ ތެރެއިން ބޯޓަކަށް ނުވުމަކީވެސް އެކަށީގެން ވާ ކަމެކެވެ. ނަމަވެސް އެކަން ޔަގީން ކުރުމަށް އިތުރު އިންވެސްޓިގޭޝަން ހަދަން ޖެހޭ ކަމަށާއި ފެނުނު ބޯޓު ފުރި މަންޒިލާއި ދަތުރު ނިންމަން ރާވާފައި އޮތް މަންޒިލްވެސް އަދި ސާފުވެފައެއް ނުވެއެވެ.

އޮފިޝަލުން ބުނާގޮތުން ނުފެނި ވާ 2 ބޯޓުން ކުރެ ކޮންމެ ބޯޓެއްގައި 50-60 އާ ދެމެދުގެ އަދަދެއްގެ ހިޖުރަވެރިން ތިބޭނެއެވެ.

ރެފިއުޖީންގެ ހައްގުގައި މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެފައި ވަނީ ގެއްލުނު 3 ބޯޓުގައި 300 އެއްހާ މީހުން ތިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެމީހުން ހޯދުމުގައި އެހީތެރިވުމަށް ސްޕެއިންގެ އިތުރުން، މޮރިޓޭނިއާ، ސެނެގާލް އަދި މޮރޮކޯގައި އެދިފައިވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!