ޚަބަރު

މައްސަލަ އަނބުރާ ނުނަގާނަން ، މަންމަ އަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަން : ޒިޔާދާގެ ދަރިފުޅު

ދެން އެމްވީ ، ދެން އޮންލައިން

މަންމައަށް ދިމާވި ހުރިހާ ކަމެއް ވެސް ހަނދާން އެބަހުރި ކަމަށާއި މައްސަލަ އަނބުރާ ނެގުމަށް އެއްވެސް ލިޔުމެއްގައި ސޮއިނުކުރާނެ ކަމަށް 2015 ވަނަ އަހަރު ނިޔާވި ގދ.ތިނަދޫ ޒިޔާދާ ނައީމްގެ ދަރިފުޅު ޒިދާން އިބްރާހީމް ޙުސައިން (ދާން) ބުނެފިއެވެ.

Ads by STELCO

އިއްޔެ ފާހަގަކުރި އަންހެނުންގެ ދުވަހާއި ގުޅިގެން ، މަންމަގެ ހަނދާން އާކުރަމުން ދާން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މަންމަގެ މައްސަލައިގައި އޭނާ ސާބިތުވެ ހުންނާނީ އޭނާއަށް އެނގޭ ކަންކަމާއި މަންމަ އޭނާ ގާތުގައި ދައްކާފައިވާ ވާހަކައާއި އެއްގޮތަށް ކަމަށެވެ. އަދި އެކަންކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށާއި މަންމައަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ދާން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ޒިޔާދާގެ މަރުގެ މައްސަލަ އަނބުރާ ނެގުމަށް ދާން އަށް އެކި ފަރާތްތަކުން ދަނީ އެދެމުންނެވެ.

ޒިޔާދާއަށް ލިބުނު ޖިންސީ އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލްގައެވެ. ޒިޔާދާއަށް އަނިޔާކުރީ އޭނާގެ ފިރިމީހާ ޝާހު ކަމަށާއި އެކަން ޒިޔާދާ ފުލުހުން ގާތުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުންގެ ތަހުގީގުން އެނގިފައިވާ ގޮތުގައި އޭނާއަށް ޝާހު ވަނީ ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކޮށްފައެވެ. ހަމައެހެންމެ ޒިޔާދާގެ ބައެއް ގުނަވަންތަކަށް އަނިޔާ ލިބިފައިވާ ކަމަށް ވެސް ޕޯސްޓް މޯޓަމް ރިޕޯޓްގައި ވެއެވެ.

މިކަމާއި ގުޅިގެން ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލުނެވެ. އެއީ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ. ނަމަވެސް މިހަތަރު ދައުވާ ވެސް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ ހުކުމް ކޮށްފައެވެ.

މިކަމާއި ގުޅިގެން ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަށް ކޯޓުން ރިއާޔަތް ކޮށްފައި ނުވާކަމަށް ބުނެ ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މިދިޔަ އޭޕްރީލްގައި ހަތަރު ދައުވާއަށް ކުރި ހުކުމްތައް ވެސް އިސްތިއުނާފް ކުރަން ހައިކޯޓަށް ހުށަހަޅާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!