ޚަބަރު

މީހުންގެ އަބުރުކަތިލުމުން ދުރުވެ މީސްމީޑިއާ ހެޔޮގޮތުގައި ބޭނުންކުރަންޖެހޭ: ޚުޠުބާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހުކުރު ހުތުބާ ކިޔާއިރު ބަޔަކު ހުތުބާ އަޑުއަހަން އިށީދެލައިގެން / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މީހުންގެ އަބުރުޖަތިލުމުން ދުރުވެ މީސްމީޑިއާ ހެޔޮގޮތުގައި ބޭނުންކުރަންޖެހޭކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެވެ. ހުކުރު ޚުތުބާގެ މިއަދުގެ މައުޞޫއަކީ "އަބުރު ހިމާޔަތްކުރުން"އެވެ.

Ads by STELCO

ހުކުރު ޚުތުބާގައި ވިދާޅުވީ މިއަދުގެ ހާލަތަށް ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއްކަމަކީ މީހުންގެ އަބުރަށް އަރައިގަތުންކަމަށެވެ. އެގޮތުން ހައްޤަކާއި ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ހަރާމްކަމެއްކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ޚުތުބާގައި ވިދާޅުވީ މިއަދުގެ މުޖްތަމައުގައި އެންމެ އާންމުވަމުންދާ އެއް ފާފައަކީ މީހުންގެ އަބުރަށް އަރައިގަތުންކަމަށްވާއިރު ތެދެއް ދޮގެއް ބެލުމެއްނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނާނެ ނަތީޖާއަކަށް ނުވިސްނާކަމަށެވެ.

"މުއުމިނަކާއި ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު، އެ މީހަކު އެ ބުނި އެއްޗަކުން ރުޖޫއަނުވެ ހުރެ މަރުވެއްޖެ ނަމަ، މާތްﷲ އެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ގައިން ނުކުންނަ ފާދިޔައިގައި ވަޒަންވެރިކުރުވާ ހުށްޓެވެ. ހަމައެކަނި ޒިންމާދާރުކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، އާއިލާތައް ރޫޅި މުޖްތަމައު ބައިބައިވުންގެ ސަބަބަކަށް އެކަންތައްތައްވެ." ހުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ މިއަދު އަހަރުމެން ދިރިއުޅޭ މުޖްތަމައުއަކީ ވަރަށް ބޮޑަށް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ މުޖްތަމައުވެ. ފޭސްބުކް، ޓްވިޓަރ، ވައިބަރ، ޓިކްޓޮކް، އަދި ޔޫޓިއުބް ފަދަ މީޑިއާގެ ވަސީލައްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާވަރަށް ވުރެއް ހަލުވިކަމާއެކު މައުލޫމާތު ފަތުރައިދޭ މަންސަތަކެއްކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދޮގެއްވިއަސް ،ތެދެެއްވިއަސް އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކޮށް ޝެއަރކުރުމާއި އެކަމަށް ހިތްވަރުދިނުމުގެ ސަބަބުން ވަރަށް ފަސޭހައިން ވާހަކަތައް ފެތުރޭކަމަށާއި މިކަމުގައި ހުރި ބިރުވެރިކަމާއި މެދު ވިސްނާލުން މުހިންމުކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ މީހަކު އެހެންމީހެއްގެ ގާތުގައި ބުނާ ވާހަކައެއް ހަންދާން ނައްތާލަން އަވަސްވިއަސް މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތަކެއް އެތައް ޒަމާނަކަށް ދެމިހުންނަ އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާކުރާނެ ވާހަކަަތަކެއްކަމަށެވެ. ހުތުބާގައި ވިދާޅުވީ މީހެއްގެ އަބުރު ކަތިލައި ނުވަތަ މީހަކަށް ޣީބަބުނުންކަމުގައިވާނަމަ އެ އެއްޗެއް ފެތުރޭހައި ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެކަމަށެވެ.

އިސްލާމްދީން ވަނީ އިންސާނާގެ އަބުރު ރައްކާތެރިކޮށްދެއްވައި ހިމާޔަތްކޮށްދެއްވާފައިކަމަށާއި މީހުންގެ އައިބުތައް ހޯދައި އެ މީހުން ފަޞީހަތްކުރުން އިސްލާމްދީން ނަހީކުރައްވާފައިވާކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އަދި މީހެއްގެ ކުށްތައް ވަންހަނާކޮށް އަބުރު ރައްކާތެރިކޮށްދޭ މީހާގެ ކުށްތައް މާތް ﷲ ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާކޮށްދެއްވާނެ ކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ހުތުބާގައި ވިދާޅުވީ މީހެއްގެ އަބުރު ކަތިލެވިފައިވާނަމަ އެމީހެއްގެ ކިބައިން މައާފަށް އެދި ހިތްހަލާލު ހޯދަންވާނެކަމަށެވެ. ފާޅުގައި އެންމެހައި މީސްތަކުންނަށް ފެންނަ ގޮތައް ނުވަތަ މީހެއްގެ އަބުރައް އަރައިގަނެވިފައިވާނަމަ ފައުޅުގައި އެކަމަށް މާފަށް އެދި އެކަން އިސްލާހުކުރަން ވާނެކަމަށްވެސް ހުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ސިއްރިއްޔާތުގައި މިފަދަ ކަމެއް ކުރެވިފައިވާ ނަމަވެސް މަޢާފައް އެދި ތައުބާވެ ވަގުތު ފާއިތުވުމުގެ ކުރީން މާތްﷲގެ މަގަށް ރުޖޫއަވުމަށް ވަނީ ހުތުބާގައި އެދިލައްވާފައެވެ. ހުތުބާގައި ވަނީ މީސްމީޑިއާގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ގޮވާލައްވާފައެވެ.

Ads by Ooredoo