އިންޑިއާގައި ޚަބަރު ހުށަހަޅައިދޭން އޭއައި ނިއުސް އެންކަރެއް

އިންޑިއާގެ "އޮޑިޝާ ޓީވީ" އިން އާޓިފިޝަލް އިންޓެލިޖެންސްގެ ޓެކްނޮލޮޖީގެ އެހީގައި ޚަބަރު ކިއުމަށް އޭއައި ނިއުސް އެންކަރެއް ތައާރަފު ކޮށްފިއެވެ.
މިއީ ބްރޮޑްކާސްޓިންގ ގެ ދާއިރާގައިވެސް އޭއައިގެ ޒަރިއްޔާއިން ޚިދުމަތްތައް ފެށުމަށް އިންޤިލާބީ ބަަދަލުތަކެއް ގެނުވާނެކަމެއްކަމަށް ތަޖުރިބަކާރުން ދެކެއެވެ.
އެ ޓީވީ ޗެނަލުން ވަނީ "ލީސާ" ގެ ނަމުން ނަން ދީފައިވާ މި އެންކަރަށް "އޮޑިއާ" ބަހުން ވާހަކަ ދެއްކުމުގެ ޓްރެއިނިންގ ކުރިއަށްދިޔައިރު ދިމާވި ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ލީސާގެ ބޭނުންތެރިކަން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް އެ ޗެނަލުން މައުލޫމާތު ދެއެވެ.
ޗެނަލުން މައުލޫމާތު ދޭ ގޮތުގައި މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ލީސާގެ މުއާމަލާތް ކުރުމުގެ ހުނަރު ތަރައްޤީކޮށްދިނުމެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ މީސްމީޑިއާގެ ވަސީލަތްތަކުގައި ބެލުންތެރިންނާއި ލީސާއާއި ވީހާވެސް ބޮޑަށް ގުޅުވާލުމަށް މަސައްކަތް ކުރުމަށް ޗެނަލުން ދަނީ ވިސްނަމުންނެވެ.