ދުނިޔެ

އިންޑިއާއާއި ޔޫއޭއީ ދެމެދު ރުޕީސްއިން ޓްރޭޑް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އިންޑިއާއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ޑޮލަރު ބަދަލުކުރުން ނައްތާލައި މުއާމަލާތްތަކުގެ ޚަރަދު ކުޑަކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

Ads by Sosun Fihaara

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ ހޮނިހިރު ދުވަހު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ވަނީ ބޯޑަރު ހުރަސްކޮށް ފަސޭހައިން ފައިސާ ޓްރާންސްފާ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ރިއަލް ޓައިމް ޕޭމަންޓް ލިންކެއް ގާއިމުކުރުމަށް ވެސް އެއްބަސްވެފަ އެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދެ އެއްބަސްވުމުގެ ސަބަބުން ބޯޑަރު ހުރަސްކޮށް ކުރާ މުއާމަލާތްތަކާއި ފައިސާ ދެއްކުމަށް މަގުފަހިވެ، އިގްތިސާދީ ގޮތުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އަދި ކޮންސިއުމަރ އިންޑިއާއިން މިދިޔަ އަހަރު ދުނިޔޭގެ ވިޔަފާރީގެ މުއާމަލާތްތައް ރުޕީސްއިން ހަމަޖެއްސުމުގެ އޮނިގަނޑެއް އިޢުލާނުކުރި އިރު، ޔޫއޭއީގެ ތެލަށް މިހާރު ފައިސާ ދައްކަނީ ޑޮލަރުންނެވެ.

2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން 2023 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހުރީ 84.5 ބިލިއަން ޑޮލަރަށެވެ.

މި އެއްބަސްވުމުގެ ތަފްސީލް އެނގޭ އޮފިޝަލަކު ވިދާޅުވީ ޔޫއޭއީގެ ތެލަށް އިންޑިއާއިން ފުރަތަމަ ފަހަރަށް އަބޫދާބީ ނޭޝަނަލް އޮއިލް ކޮމްޕެނީ (އޭޑީއެންއޯސީ) އަށް ފައިސާ ދެއްކޭނެ ކަމަށެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާ އިން ބުނީ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އާއި ޔޫއޭއީގެ އިންސްޓަންޓް ޕޭމަންޓް ޕްލެޓްފޯމް (އައިޕީޕީ) ލިންކް ކުރަން ދެ މަރުކަޒީ ބޭންކުން އެއްބަސްވެފައިވާ ކަމަށެވެ.

އޭޝިއާގައި އިތުރުވަމުންދާ މިފަދަ އިންތިޒާމްތަކުގެ ސަބަބުން އާންމުގޮތެއްގައި ފައިސާ ދެއްކުމުގެ ޚަރަދު ކުޑަވެގެންދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!