ދުނިޔެ

ކޮޕް28 ކާމިޔާބީއަކަށް ހަދަން މޯދީއާއި އަލް-ނަޙްޔާން މަޝްވަރާކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި އަހަރުގެ ފަހުކޮޅު އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގައި ބާއްވާ އ.ދގެ މޫސުމީ ބަދަލުތަކާ ބެހޭ 28 ވަނަ ބައްދަލުވުން – ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް28)އަކީ ކާމިޔާބީއަކަށް ހެދުމާ ގުޅޭ ގޮތުން ޔޫ.އޭ.އީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް-ނަޙްޔާނާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ. މި ކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ މޯދީ ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އަލް-ނަޙްޔާނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.

Ads by WAMCO

ކޮޕް28 ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ތެރޭގައެވެ. މޫސުމީ ބަދަލުތަކާ ބެހޭ މި އަހަރުގެ ބައްދަލުވުން ބޭއްވުމަށް ޔޫ.އޭ.އީއިން ތައްޔާރީތައް ކުރަމުން އެ ދަނީ، ތެޔޮ އަންދާ މިންވަރު ދަށްކުރުމާއި، ދުނިޔެ ހޫނުވުން ކޮންޓްރޯލް ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމާ މެދު ދުނިޔޭގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މޯދީއާއި އަލް-ނަޙްޔާނާ ދެމެދު ބޭއްވެވި މަޝްވަރާތަކާ ގުޅޭ ގޮތުން ޔޫ.އޭ.އީން ބުނީ، ކޮޕް28އަކީ ކާމިޔާބު އަދި ނަތީޖާތަކެއް ނެރެވޭނެ ބައްދަލުވުމަކަށް ހެދުމަށް ގުޅިގެން މަސައްކަތް ކުރަން ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންނެވި ކަމުގައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ނުރައްކަލާއި، ޖައްވަށް ބޭރުކުރާ ކާބަންގެ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރަޙުމަތްތެރި ހަކަތަ ކުރިއަރުވަން ގުޅިގެން މަސައްކަތްތަކެއް ކުރަން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމުގައެވެ.

ހުސްވި ހަފުތާއަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފިނިހޫނުމިން ރެކޯޑު މިންވަރަކަށް އުފުލިގެން ދިޔަ ހަފުތާއެކެވެ. ބައެއް ސަރަޙައްދުތަކުގައި ފިނިހޫނުމިން އުފުލުމާ ގުޅިގެން ދަނޑުބިންތަކަށް އެ ކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާއިރު، އެހެން ސަރަޙައްދުތަކަށް ބާރުގަދަ ތޫފާންތައް އަރައި، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ކާރިސާތަކާ ކުރިމަތިލާން ޖެހުނެވެ. މި ކާރިސާތަކުން ދޭހަވަނީ، މޫސުމީ ބަދަލުތަކުގެ އަސަރުތައް ކުޑަކުރަން ޤައުމުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނުދާ ކަން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.

ކޮޕްގެ 27 ވަނަ ބައްދަލުވުން ހުސްވި އަހަރު ބާއްވާފައި ވަނީ މިޞްރުގައެވެ. އެ ބައްދަލުވުމުން އެންމެ ބޮޑަށް ފާހަގަވެގެންދިޔަ އެއް ކަމަކީ، މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ޤައުމުތަކާއި، އެ ކަމުގެ ނުރައްކަލާ ކުރިމަތިލަމުންދާ ފަގީރު އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކިން ޚާއްޞަ ފަންޑެން އެކުލަވައިލުމެވެ.

ޔޫ.އޭ.އީއަށް މޯދީ ކުރެއްވި ދަތުރުފުޅުގައި ކޮޕް28ގެ ރައީސް އަދި އެ ޤައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ޚާއްޞަ މަންދޫބު ޑރ. ސުލްޠާން ބިން އަޙްމަދު ސުލްޠާން އަލްޖަބަރާ ވެސް ބައްދަލުކުރެއްވިއެވެ. މި އަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70,000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޕެރިސް އެއްބަސްވުމާ އެއްގޮތަށް ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއެސްއަށް ވުރެ މައްޗަށް އުފުލުނަ ނުދޭން ކަނޑައަޅާފައިވާ އަޒުމަށް ވާސިލުވުމަށް ގުޅިގެން މަސައްކަތް ކުރުމެވެ.

މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރަން ޤައުމުތަކުން އެދެވޭ މިންވަރެއްގެ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ވިދާޅުވެ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ހުސްވި ޖޫން މަހުގެ ތެރޭގައި ވަނީ ޤައުމުތަކަށް ފާޑުވިދާޅުވެފައެވެ. ޤައުމުތަކުން ގުޅިގެން ވަގުތުން ފިޔަވަޅުތަކެއް ނާޅައިފި ނަމަ، މި ޤަރުނު ނިމުމުގެ ކުރިން ދުނިޔޭގެ ފިނިހޫނުމިން އެވުރެޖުކޮށް 2.8 ޑިގްރީ ސެލްސިއެސްއިން އުފުލިގެންދާނެ ކަމަށް އޭނާ އިންޒާރު ކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!