މާލެއިން ކޮވިޑް-19ގެ އަލާމަތްތައް ފެނުނު މީހަކު ކަރަންޓީން ކުރަނީ
ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް އެނބުރި ދިޔަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީ މީހާ، ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އޭނާއާ ކޮންޓެކްޓުވި 16 މީހަންގެ ތެރެއިން އެކަކު ފަރާތުން ވައިރަހުގެ އަލާމަތްތައް ފެނުމާއި ގުޅިގެން އެ މީހާ ކަރަންޓީން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އޭނާ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ސާންޕަލްތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން އިޓަލީ ޓޫރިސްޓް މީހާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަމުން ދަނިކޮށް ފުރައިގެން ދިއުމަށް މެދުވެރިވި ގޮތާއި އެ މީހާއާ ކޮންޓެކްޓްވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި ކޭސް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ކުރިން ރިޕޯޓް ނުކުރުމުގައި އިހުމާލެއް ވެފައި ވޭތޯ ނުވަތަ ނޫންތޯ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިސްޓް މީހާގެ ފަރާތުން ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފަކަށް އެ ބަލި ޖެހި އެ ދެ މީހުން މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.