ރިޕޯޓް

އަލާއު ކިޔައިދިނީ އިންޑިއާއިން މަތީ ތައުލީމް ހާސިލް ކުރަން ނިންމި ސަބަބުތައް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަލާއު އަދުދާން މާދަމާ އަވައްޓެރި އިންޑިއާއަށް އެ ފުރަނީ އެ ޤައުމުގެ ނަން މަޝްހޫރު ޔުނިވަރސިޓީއެއް ކަމަށްވާ, އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން އެކޮނޮމިސް ދާއިރާއިން މާސްޓާސް ހަދާށެވެ. އިންޑިއަން ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަން (އައިސީސީއާރު) އިން ކޮންމެ އަހަރު ވެސް ދިވެހިންނަށް ޚާއްކޮށްގެން ހުޅުވާލި ފުރުސަތުގެ ބޭނުންހިފާ މީގެ ތިން އަހަރު ކުރިން އިންޑިއާއަށް ޑިގްރީ ހަދަން އަލާއު ފުރީ އެހާ ހިތްހަމަ ޖެހިގެންނޫނެވެ. މީހުންގެ ފަރާތުން ލިބުނު އިރުޝާދުތަކާއި, ޚިޔާލުތަކާއެކު އެއީ އެންމެ ރަނގަޅު ނިންމުންތޯ ވެސް އަލާއުގެ ހިތުގައި އޭރު ޝައްކު އޮތެވެ. ނަމަވެސް އިންޑިއާގައި ހޭދަކުރި ތިން އަހަރުގެ ތަޖުރިބާއާއެކު އަލާއު ނިންމީ, ކިޔެވުމުގެ ދެން އޮތް ބައިވެސް އެ ޤައުމުގައި ހޭދަކުރާށެވެ.

Ads by Hajj Corporation

"ދެން"އާއެކު އަލާއު ކުރި މި ދަތުރުގެ ވާހަކަތައް ހިއްސާކުރިއެވެ. މިސްއިންފޯމޭޝަންތަކާއި ސްޓިގްމާތައް ދިޔާދިފއެވެ. އިންޑިއާގައި ކިޔަވަން އޭނާ ނިންމި ސަބަބުތައް ތިލަކޮށްދީ, އެ ޤައުމަށް ކިޔަވަންދާން ބޭނުންވާ ފަރާތްތަކަށް މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިއެވެ..

އަލާއުއަކީ އައިސީސީއާރުއިން މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އެހީތެރިވެދިން ދަރިވަރުންގެ ތެރެއިން އެކަކެވެ. އައިސީސީއާރަކީ އިންޑިއާގެ ޘަޤާފަތް ދިރުވާ އާލާކުރަން އުފައްދާފައިވާ އޮންނަ ސަރުކާރުގެ ބޮޑީއެކެވެ. އައިސީސީއާރުން ކޮންމެ އަހަރެއްގައި ސާކުގެ ޤައުމުތަކުގެ ދަރިވަރުންނަށް ފުލީ ޕެއިޑް ސްކޯލަރޝިޕްތައް ދަނީ ދެމުންނެވެ. އެގޮތުން ރާއްޖެއަށް ވެސް ކޮންމެ އަހަރު 36 ފުރުސަތު ހުޅުވާލައެެވެ. މި ފުރުސަތު ލިބޭ ފަރާތްތަކަށް އިތުރު އެއްވެސް ޚަރަދަކާ ނުލާ, އިންޑިއާ ސަރުކާރުގެ އެހީގައި ކިޔަވޭނެއެވެ. މިގޮތަށް ހޮވޭ ދަރިވަރުންނަށް ޔުނިވަރސިޓީ ފީއާއި, ހޮސްޓެލް ފީގެ އިތުރުން, އަމިއްލަ ޚަރަދުތަކަށް ސްޓައިޕެންއެއް ދެއެވެ.

އަލާއުއަށް މިފުރުސަތާއި ގުޅޭ ގޮތުން މައުލޫމާތު ލިބުނީ ފޭސްބުކްއިން އޭނާއަށް ފެނުނު ޕޯސްޓަކުންނެވެ. ނަސީބު އަތުގައި ހިފީ އެ ހިސާބުންނެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި އެޑިއުކޭޝަން ފެއާއެއް މި ސްކޯލާޝިޕާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށްފަހު, އަލާއު ބޮޑު ނިންމުމެއް ނިންމިއެވެ. އެއީ ޙަޔާތުގެ ތިން އަހަރު އާއިލާއާ ދުރުގައި, އިންޑިއާގައި ހޭދަކުރުމަށެވެ. ތަފާތު, އެހެންނަމަވެސް ގާތް މާހައުލަކުން އިލްމު އުގެނި, އެ އިލްމުގެ ބޭނުން ކުރާށެވެ.

"އަޅުގަނޑު ޑެއްލީ ޔުނިވަރސިޓީގައި އަންޑަރގްރެޖުއޭޓް ކިޔަވަން ޚިޔާރު ކުރީ އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި, މި ސަރަހައްުދުގައި ޑެއްލީ ޔުނިވަރސިޓީއަކީ އެކޮނިމިކްސް ކިޔަވަން ހަމަ އެންމެ ރަނގަޅު އެއްތަން. މިގޮތުން އިންޑީއާގައި ވެސް އަދި ސަރަހައްދުގައި ވެސް އަރާހުރި ވަރަށް ބައިވަރު އެކޮނިމިސްޓުން އުފެދިގެން އައީ ހަމަ ޑެއްލީ ޔުނިވަރސިޓީގެ ތެރެއިން," ޑެއްލީ ޔުނިވަރސިޓީ ޚިޔާރު ކުރި ސަބަބާއި, މީހުން އޭރު ދެއްކި ވާހަކަތައް އަލާއު ކިޔައިދިނެވެ.

އަޅުގަނޑުމެން ކިޔަވަން އިންޑިއާއަށް ޚިޔާރުކުރަން އޭރު ވިސްނިއިރު, އަޅުގަނޑު ވާހަކަ ދެއްކި ވަރަށް ގިނަ މީހުނއ ބުނި, އަަސްލު އިންޑިއާގައި އެޑިއުކޭޝަން ކޮލިޓީ އެހާ ރަނގަޅެއް ނޫނޭ. އެކަމަކު އަޅުގަނޑު އެކޮޅަށް ގޮސް މި ކިޔެވި ކިޔެވުމުގެ ތެރޭގައި އަޅުގަނޑަށް ފެނިގެން ދިޔައީ, ދަސްވެގެން ދިޔައީ, އިންޑިއާއަކީ ސަރަހައްދީ ގޮތުން ބަލާއިރު އެންމެ ރަނގަޅު އެއްތަންކަް

އަލާއު ބުނީ އިންޑިއާގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ނޫންކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އޭނާގެ އަމިއްލަ ތަޖުރިބާ އެކަމުގައި ވަރަށް ތަފާތު ކަމަށެވެ. އަދި އެގޮތަށް ދައްކާ ވާހަކަތަކަކީ އަސްލެއްނެތް ވާހަކަތަކެއް ކަމަށް ބުނެ, އަލާއު އެމެރިކާގެ އައިވީ ލީގް ޔުނިވަރސިޓީތަކުގައި ކިޔަވައިދޭ ޕްރޮފެސަރުންނަކީ ވެސް ހަމަ އިންޑިއާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތައްކަން ފާހަގަކޮށްފައެވެ.

"ޚާއްސަކޮށް, އިންޑިއާގެ އެންމެ މޮޅެތި ޔުނިވަރސިޓީތަކަކީ ސަރަހައްދުގައި ވެސް އެންމެ މޮޅު ޔުނިވަރސިޓީތައް. މިތަންނަނަކީ އޭޝިއާ ސަރަހައްދުގައި, އަދި އެމެރިކާގެ އައިވީ ލީގްސްތަކުގައި ވެސް ޕްރޮފެސާސް އުފައްދާ ތަންތަން. އަޅުގަނޑު މިކިޔެވި ޑެއްލީ ޔުނިވަރސީޓީއަކީ މިހާރުގެ އައިއެމްއެފްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިތަން. މަންމޯހަން ވެސް ކިޔެވީ ޑެއްލީ ސްކޫލް އޮފް އިކޮނޮމިސްއިން," އަލާއު ބުންޏެވެ.

ކީއްވެ އިންޑިއާ!

މަތީ ތައުލީމް ކިޔަވަން ބޭނުންވާ ދިވެހިންނަށް ފަހި ފުރުސަތުތަކެއް ދިވެހި ރާއްޖޭގައި ވެސް އެބައޮތެވެ. ހިލޭ ޑިގްރީން ފެށިގެން މާސްޓާސް, އަދި ޕީއެޗްޑީއަށް ވެސް ދިވެހި ރާއްޖެއިން ކިޔެވެއެ. އޭގެ އިތުރުން ބޭރު ޤައުމުތަކުން ލިބޭ ސްކޯލަރޝިޕްތަކާއި, ސަރުކާރުން ސްޑޫޑެންޓް ލޯނުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ގިނަ ދަރިވަރުން މަދެއް ނޫނެވެ. މިގޮތަށް ބޭރަށް ތައުލީމް ހާސިލްކުރަންދާ ގިނަ ދަރިވަރުން އާއްމުކޮށް ޚިޔާރު ކުރަނީ މެލޭޝިއާ, އޮސްޓްރޭލިއާ ފަދަ ޤައުމުތަކެވެ.

އަލާއު އާ "ކީއްވެ އިންޑިއާ" މިސުވާލު ކުރިމަތި ކުރީ މިހެންވެއެވެ.

އަލާއު މި ސުވާލަށް ދިނީ ބޮޑު ޖަވާބެކެވެ. އެކަމަކު ވަރަށް ކުރުކޮށް މި ވާހަކަ ގެނެވޭތޯ ބަލާނަމެވެ.

ފުރަތަމަ ކަމަކަށް އަލާއު ފާހަގަ ކުރީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އެތަނުގެ ދިރިއުޅުމުގެ ވައްޓަފާޅި ގާތް ކަމެވެ. އެކަމުގެ ސަބަބުން ދުރުގައި އުޅޭ އިޙްސާސް ނުކުރެވޭ ކަމަށާއި, "ކަލްޗަރ ޝޮކެއް" ނާންނަ ކަމަށް ބުންޏެވެ.

ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ހިންދީން ވާހަކަ ދައްކަން އެނގުން ވެސް އަލާއު ފާހަގަކުރީ ޕްލަސް ޕޮއިންޓެއްގެ ގޮތުގައެވެ. އެއީ ލޭންގްއޭޖް ބެރިއާގެ ސަބަބުން ދިމާވާ އެތައް ކަމަކުން ސަލާމަތްވުމެވެ. އޭގެ އިތުރަށް ދެން ދެއްކީ ޔުނިވަރސިޓީގެ އަގުގެ ވާހަކައެވެ.

އިންޑިއާގައި ސައުތް އޭޝިއާގެ ޤައުމުތަކަށް އޮންނަނީ ޚާއްސަ އަގެއް ކަނޑައަޅާފައެވެ. ގިނަ ޔުނިވަރސިޓީތަކުން ޤައުމުން ބޭރުގެ ދަރިވަރުންގެ އަތުން ބޮޑު ފީއެއް ނެގިޔަސް, އިންޑިއާގެ ގިނަ ޔުނިވަރސިޓީތަކުގައި ސާކްގެ ޤައުމުތަކުން ނަގަނީ އިންޑިއާ ދަރިވަރުންގެ އަތުން ވެސް ނަގާ ފީއެވެ. އެހެންކަމުން އަމިއްލަ ޚަރަދުގައި ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް އިންޑިއާއަކީ ރަނގަޅު ޤައުމެކެވެ.

"އަމިއްލަ ގޮތުން ވެސް އިންޑިއާއިން ކިޔަވަން ބޭނުންނަމަ ވަރަށް ވެސް އެފޯޑަބަލް ތަނެއް މިއީ." އަލާއުގެ އަމިއްލަ ބުންޏެވެ.

"މިސާލަކަށް އެއްގޮތަކުން ބަލާއިރު އިންޑިއާއަކީ ވަރަށް ކައިރީގައި އޮތް ޤައުމެއް. އަދި ދަތުރުކުރުމުގައި ވެސް އަގުތައް ވެސް ފުދޭ ވަރަކަށް އަގުހެޔޮ ޗުއްޓީއަށް އަންނަން ބޭނުންވެލިޔަސް ވަރަށް ފަސޭހައިން މިކޮޅަށް އާދެވޭ."

އަލާއު އިތުރަށް ބުނީ, އިންޑިއާއަކީ ވަރަށް ބޮޑަށް ޑައިވާސް ތަނަކަށްވުމުން އެކި ކަލްޗަރތަަކށް ލޯހުޅުވެން ފަސޭހަ ކަމަށާއި, އެކި ޘަޤާފަތްތައް ދަސްވި ކަމަށެވެ. އަދި ޔުނިވަރސިޓީގެ ތެރެއިން ވެސް ގިނަ ފުރުސަތުތަކެއް  ލިބުނު ކަމަށް ކިޔައިދިނެއެވެ. އަދި ވަކި ޤައުމަކަށް ވީތީ ތަފާތުނުކޮށް, އަމިއްލައަށް ތަޖުރިބާކޮށްލަން އަލާއު އެދުނެއެވެ.

"އިންޑިއާގައި ވެސް ހުންނަ ރަނގަޅު ޔުނިވަރސިޓީތަކަކީ, ވަރަށް ވެސް މޮޅު ސަރަހައްދުގައި މޮޅު ޔުނިވަރސިޓީތައް. މާސްޓާސްއަށް މިސާލަކަށްދާނަމަ ޕީއެޗްޑީތަކަށް ބޭރަށްދާން ވެސް ފުރުސަތު ހުޅުވާދޭ. ކޯޕަރޭޓް ޖޮބްތަކަށް ވެސް ފުރުސަތު ހުޅުވާދޭ."

ޚާއްސަކޮށް ޑެއްލީ ޔުނިވަރސިޓިއަކީ އަޅުގަނޑު ކުރިން ދެންނެވިހެން ވަރަށް ވެސް އިންޑިއާގައި އަރާހުރި ޔުނިވަރސިޓިއެއް ކަމުން އަޅުގަނޑުމެންނަށް އެކި ކަހަލަ ސްޕީކަރ ސެޝަންތަކާއި, އެކިކަހަލަ ސެމިނަރސްތަކުގައި އިންޑިއާގައި އަރާހުރި އެކޮނޮމިސްޓުންނާއި އަދި އެކި މަޤާމުގައި  ތިބި ބޭފުޅުން ޒިޔާރަތްކޮށް, އަޅުގަނޑުމެންނަށް ކަނެކްޝަން ހުޅުވާދޭ. އަދި އިތުރަށް ކުރިޔަށްދާން ހުރި ފުރުސަތުތައް ވެސް ފަހިކޮށްދޭ, އަދި ފަހިކޮށްދެވޭނެ މަގުތައް ވެސް ދަށްކަދޭ.

ޔުނިވަރސިޓީ ޗޫސް ކުރުމުގެ ކުރިން އަމިއްލަ ރިސާޗް ހަދާ

ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަލާއުގެ އޮތީ އެންމެ އިލްތިމާސެކެވެ. އެއީ ކިޔަވަން ބޭނުންވާ ޔުނިވަރސިޓީ ޚިޔާރުކުރުގެ ކުރިން އަމިއްލައަށް ކުޑަ ރިސާޗެއް ހަދާލުމަށެވެ. ކިޔަވަން ބޭނުންވާ ދާއިރާއިން އެންމެ ރަނގަޅު ޔުނިވަރސިޓީތައް ހޯދުމަށެވެ. އާއްމުކޮށް ދިވެހިންދާ ޔުނިވަރސިޓީތަކަށް ކޮންމެހެން ދާން ނުޖެހޭކަން ހަނދާން ކުރުމަށެވެ.

އިންޑިއާގައި މިހާރު އާއްމުކޮށް ދިވެހިން އެންމެ ގިނައިން މިދާ, ޔުނިވަރުސިޓީތަކަށް ދިއުމުގެ ބަދަލުގައި, އިންޑިއާގައި ކިޔަވަން ބޭނުންވާ ދާއިރާގެ މޮޅީ ކޮން ޔުނިވަރސިޓީތަކެއްތޯ ބަލާ, އެ ޔުނިވަރސިޓީތަކަށް ޓާގެޓް ކުރާށޭ. އޭރުން އަސްލު ވަރަށް ޕޮޒިޓިވް އެކްސްޕީރިއަންސެއް ލިބޭނެ

އިންޑިއާއަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް އަލާއު ދިނީ މި ނަސޭހަތެވެ.

އިންޑިއާ ސަރުކާރުން ކޮންމެ އަހަރަކު ވެސް އެ ޤައުމުގެ އެންމެ މަތީ ޔުނިވަރސިޓީތަކުގެ ލިސްޓެއް ނެރެއެވެ. އެ ލިސްޓް މި ލިންކަށް ފިތާލުމުން ލިބޭނެއެވެ.

އަލާއު ކިޔައިދިން ގޮތުގައި އިންޑިއާގައި ކޮންމެ ދާއިރާއަކުން ކިޔަވަން ބެލިޔަަސް ރަނގަޅު ޔުނިވަރސިޓީތައް އެބަހުއްޓެވެ.

"އިންޑިއާގައި ކޮންމެ އެއްޗެއް ކިޔަވަން ބޭނުންނާވާ ކޮންމެ ކުއްޖަކަށް ވެސް ވަރަށް ނަން ހިނގާ ޔުނިވަރސިޓީތައް ހުރޭ. މިސާލަކަށް އިންޖިނިއަރިން ކިޔަވަން ބޭނުންވާނަމަ އިންޖިނިއަރިން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ފަދަ އެތައް ބައިވަރު ޔުނިވަރސިޓީތައް ހުރޭ, މިއީ ސަރަހައްދުގައި ވެސް އަރާހުރި ޔުނިވަރސިޓީތައް. އަދި މިސާލަކަށް އެކޮނިމިކްސް ކިޔަވާނަމަ އަޅުގަނޑު މިކިޔެވި ޑެއްލީ ޔުނިވަރިސިޓީއާއި ކަލްކަޓާ ޔުނިވަރިސޓީ, އަދި އެތައް ބައިވަރު ޔުނިވަރސިޓީތައް ހުރޭ," އަލާއު ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!