ރިޕޯޓް

​ސެނިޓައިޒާގެ އަގު ބޮޑު ނުކުރޭ ! އެއީ މިވަގުތު ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮކަމެއް!

ދެން އެމްވީ ، ދެން އޮންލައިން

ހަމަޔަގީނުން ވެސް މިހާރު އެންމެން ދައްކަމުންދާ އެންމެ ސީރިއަަސް ވާހަކަ އަކީ، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ގެ ވާހަކައެވެ. ދުނިޔޭގެ އެންމެންހެން މިވަގުތު އެންމެ ބޮޑަށް ގަނެފައި ތިބީ ކޮވިޑްގެ ބިރެވެ. އެބަލިން ރައްކާތެރިވެގެން ތިބެވޭނެ ހުރިހާގޮތެއް އެންމެންވެސް ހޯދަން ބޭނުންވާނެއެވެ.
އެގޮތުން ކޮވިޑް 19 އިން ރައްކާތެރިވެގެން ތިބުމަށް ސަރުކާރުން ވެސް އިރުޝާދު ދެއްވާފައިވާ އެއް ކަމަކީ ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި އަތުގައި ހުންނަ ޖަރާސީމު މަރާލުމަށް "ހޭންޑް ސެނިޓައިޒަރ" ބޭނުން ކުރުމަށެވެ.

ސަރުކާރުގެ މިއިރުޝާދާއެކު ފިހާރަތަކުގައި ސައިބޯންޏާއި ހޭންޑް ސެނިޓައިޒަރ ހޯދަން ގޮސްފައިތިބީ މީހުންގެ ކިއު ދިގުވިއެވެ. އެތަކެއްޗަށް އޮންނަ ޑިމާންޑެއްގެ ބޮޑުކަމުން، އިސާހިތަކު އެތަކެތީގެ ސްޓޮކް ވެސް ހުސްވެގެން ދެއެވެ.

ކޮވިޑް 19 ޖެހިދާނެތީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވީ ނަމަވެސް، ބައެއް ވިޔަފާރިވެރިން ބަލަނީ އޭގެ ނާޖާއިޒު ފައިދާ ނެގޭތޯއެވެ. އެގޮތުން ދިޔާ ސައިބޯނީގެ އަގާއި ޚާއްސަކޮށް ހޭންޑް ސެނިޓައިޒާގެ އަގު އެފަދަ ވިޔަފާރިވެރިން މިވަނީ އިންތިހާއަށް ބޮޑު ކޮށްފައެވެ.

ކުރިން 150 ރުފިޔާއަށް ހުރި ޑިޓޯލް ހޭންޑް ސެނިޓައިޒާފުޅި މިހާރު ބައެއް ތަންތަނުން 250 އަށް ވިއްކުމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެކެވެ.

ވިޔަފާރި ކުރުމަކީ ވިޔަފާރިވެރިން ވެސް ކާންބޯން ކުރާ މަސައްކަތަށްވީ ނަމަވެސް، މިފަދަ ދަނޑިވަޅެއްގައި މިތަކެތި މިހާ ބޭނުންވާނެ ދުވަސްކޮޅެއްގައި، ތަކެތީގެ އަގު މިހާ ބޮޑަށް އުފުލުމަކީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ.

ބައެއް ތަންތަނުން މިތަކެތީގެ އަގު ބޮޑު ކުރި ނަމަވެސް، ހެޔޮއެދޭ ބައެއް ވިޔަފާރިވެރިން ރައްޔިތުންގެ ރައްކަލަކަށްޓަކައި މާސްކުފަދަ ތަކެތި ހިލޭ ބަހަމުންދާ ކަމާާއި ހޭންޑް ސެނިޓައިޒާފަދަ ތަކެތީގެ އަގު ކުރިއަށްވުރެ ހެޔޮކޮށްފައި ހުންނަކަން ވެސް އުފަލާއެކު ފާހަގަ ކޮށްލަމެވެ. އަދި ގިނަ ބަޔަކު ވަދެ ނިކުމެ ހަދާ ތަންތަންކަމުގައިވާ އޭޓީއެމް އާއި ފެރީ ޓާމިނަލްތައް، އަދި ބޭންކުތަކުގައި ވެސް އާއްމުންނަށް ވެސް ބޭނުން ކުރެވޭނޭ ފަދައިން ހޭންޑް ސެނިޓައިޒާ ބަހައްޓާފައި ހުންނަކަން ވެސް އުފަލާއެކު ފާހަގަ ކޮށްލަމެވެ.

މާތް ﷲ އަޅަމެން މިނުރައްކާތެރި ބަލިތަކުން ރައްކާތެރިކޮށްދެއްވާ، އަވަސް މުސްތަޤުބަލެއްގައި މިކަމުން ސަލާމަތް ކޮށްދެއްވާށި. އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!