ސަރުކާރުގެ ސިއްރުތައް ހާމަކުރާ ކަމަށްބުނެ އިމްރާން ޚާންގެ މައްޗަށް ދައުވާ ކުރަނީ
ރަސްމީ ސިއްރުތައް ހާމަކުރެއްވިކަމުގެ ތުހުމަތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ޖިނާއީ ދައުވާ އުފުއްލަވާނެކަމަށް އެޤައުމުގެ އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުﷲ ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި އިމްރާން ޚާން ހާމަކުރެއްވި ކަމަށް ތުހުމަތުކުރެވިފައިވަނީ އެމެރިކާއާއި އިސްލާމްއާބާދުގެ ދެމެދުގައި ހިނގާފައިވާ ޚާރިޖީ ސިއްރު ލިޔެކިޔުންތަކެކެވެ. މިއީ އިމްރާން ޚާންގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން ރޭވިކަމަށް މިދިޔަ އަހަރުގެ ފަހުކޮޅު ޚާން ކުރެއްވި ތުހުމަތާއި ގުޅޭ މައްސަލައެކެވެ. ނަމަވެސް އެމެރިކާއިން ވަނީ ޚާންގެ ވެރިކަން ބަދަލުކުރުމުގައި އެ ޤައުމުން އެއްވެސް ރޯލެއް އަދާކޮށްފައިނުވާނެ ކަމަށް ބުނެ، ޚާންގެ އެ ތުހުމަތު ދޮގުކޮށްފައެވެ.
ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުﷲ ބުދަ ދުވަހު ވިދާޅުވީ، ޚާންގެ މައްޗަށް ޖިނާއީ ދައުވާ އުފުއްލެވުމަށް ނިންމެވީ، ޚާންގެ ކުރީގެ ޕްރިންސިޕަލް ސެކްރެޓަރީ އަޒަމް ޚާން ކޯޓަށް އޯޑިއޯ ބަޔާނެއް ދިނުމަށް ފަހުގައި ކަމަށެވެ. އެގޮތުން، އެ ބަޔާނުގައި 2022 ވަނަ އަހަރުގެ މާރޗު މަހު އެމެރިކާއިން އެންކްރިޕްޓު ކޮށްފައިވާ ރަސްމީ ސިއްރު ލިޔުމަކަށް އިމްރާން ޚާން ބަދަލުތައް ގެންނެވިކަމަށް އަޒަމް ޚާން ބުނެފައިވާކަމަށް ސަނާއުﷲ ވިދާޅުވިއެވެ. އަދި ޚާން އެކަން ކުރެއްވީ ސިޔާސީ މަންފާއެއް ޙާސިލްކުރެއްވުމުގެ މަޤްސަދުގައިކަމަށް ވެސް އަޒަމް ޚާންގެ ބަޔާނުގައި ބުނެފައިވާކަމަށް ސަނާއުﷲ ވިދާޅުވިއެވެ.
އުމުރުފުޅުން 70 އަހަރުގެ ޚާން މަޤާމުން ވަކިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރިލްމަހު މަޖިލީހުގައި ނެގި އިތުބާރުނެތް ކަމުގެ ވޯޓަކުންނެވެ. ޚާން ވަނީ މި ވޯޓުން އެގޮތަށް ނިމުނީ، ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަހު އޭނާ ރަޝިޔާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، އެމެރިކާއިން ޕާކިސްތާނުގެ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވުމުންނެވެ.
މަޤާމުން ވަކިކުރެވުނު ދުވަހުން ފެށިގެން ވެސް އޭނާ ގެންދަވަނީ އަވަސް އިންތިޚާބަކަށް ގޮވާލައްވައި ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް ޚާން މަޤާމުން ވަކިކުރުމަށްފަހު، ޕާކިސްތާނުގެ ސަރުކާރުން ގެންދަނީ އޭނާގެ މައްޗަށް ތަފާތު އެކި ތުހުމަތުކޮށް ގިނަ ދައުވާތަކެއް އުފުލަމުންނެވެ. އަދި ޕާކިސްތާނުގެ ކޯޓުތަކުގެ އެ މައްސަލަތައް ދަނީ ހިނގަމުންނެވެ.
ބޮޑުވަޒީރުކަމުގެ މަޤާމުން ޚާން ވަކިކުރުމުން ބޭއްވެވި އާންމު ބައްދަލުވުމެއްގައި އޭނާ ވަނީ އަތްޕުޅުގައި ވަނީ ރަޝިޔާއާ ގުޅުން ބާއްވައިފިނަމަ، ހަރުކަށި ފިޔަވަޅުތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަމަށް ލިޔެފައިވާ ރަސްމީ ސިއްރު ލިޔުމެއްގެ ކޮޕީއެއް ކަމަށް ވިދާޅުވެ، ކަރުދާހެއް ހޫރުވަވާފައެވެ. ނަމަވެސް، އެ ލިޔުން އަނބުރާ ރައްދުކުރެއްވުމަށް އެދުމުން، އެ ކޮޕީ ގެއްލިފައިވާކަމަށް އޭނާ ގާތު ޚާން ވިދާޅުވިކަމަށް އަޒަމް ޚާން ކޯޓަށް ދިން ބަޔާނުގައި ބުނެފައިވާކަމަށް ސަނާއުﷲ އިތުރަށް ވިދާޅުވިއެވެ.
ސަނާއުﷲ ވިދާޅުވީ، ރަސްމީ ސިއްރެއް ލީކުކުރުމަކީ ކުށެއްކަމަށެވެ. އެހެންކަމުން، ދައުލަތުން އިމްރާން ޚާންގެ މައްޗަށް ޖިނާއީ ދައުވާ އުފުއްލަވާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެ ލިޔުން ގެއްލުނުކަމަށް ޤަބޫލުނުކުރައްވާކަމަށާއި، އެ ލިޔުން އަދިވެސް އިމްރާން ޚާންގެ އަތްޕުޅުގައި އޮތުން އެކަށީގެންވާކަމަށެވެ. އަދި އެ ލިޔުން އަނބުރާ ހޯދުން މުހިންމުކަމަށް ދެކިވަޑައިގަންނަވާކަމަށް ވެސް ސަނާއުﷲ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، އެ މަނިކުފާނުގެ ކުރީގެ ޕްރިންސިޕަލް ސެކްރެޓަރީ އެފަދަ ބަޔާނެއް ކޯޓަށް ދެއްވާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އަދި އެކަން ޤަބޫލުކުރައްވާނީ އަމިއްލަފުޅަށް އެ ބަޔާން އަޑުއެއްސެވުމަށް ފަހު ކަމަށެވެ.
އިމްރާން ޚާންގެ މައްޗަށް މިހާތަނަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަަމަ އޭނާއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ. ޚާން ވިދާޅުވީ، އޭނާގެ މައްޗަށް އެކި ތުހުމަތުކުރަނީ އޭނާ ޖަލަށްލައި، އަބުރު ކަތިލައި، އިންތިޚާބުގައި ވާދަކުރިޔަ ނުދިނުމަށެވެ. ނަމަވެސް، މި ރޭވުން ފެއިލްކޮށްލައްވާނެކަމަށާއި މުހިންމު މައުލޫމާތުތަކެއް ވަރަށް އަވަހަށް ހާމަކުރައްވާ، މި ރޭވުން ރާވާ އިސް ފަރާތްތައް ބޭޒާރުކޮށްލައްވާނެ ކަމަށް ވެސް ބުދަ ދުވަހު ޚާން ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.