ދުނިޔެ

އިންޑިއާއާއި ލަންކާ މުހިންމު އެއްބަސްވުންތަކަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެއެވެ.

Ads by Sosun Fihaara

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވަނީ، އެއްގަމު މަގުން ދެ ގައުމު ގުޅާލުމަށް އެއްބަސްވުމަކަށް އައިސްފައެވެ. ރަނިލް އިންޑިޔާއަށް މިބކުރައްވާ ދަތުރުފުޅަކީ މިދިޔަ އަހަރު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިދިޔަ އަހަރު ސްރީލަންކާއަށް އިގްތިސާދީގޮތުން ދިމާވި އަޑިގަނޑުން އަރައިގަތުމަށް އިންޑިޔާއިން ވަނީ ހަތަރު ބިލިއަން ޑޮލަރު ދީފައެވެ. މިދިޔަ އަހަރު ލަންކާއަށް ކުރިމަތިވި އިގްތިސާދީ ކާރިސާގައި އެ ގައުމަށް ވަނީ އެންމެ ބޭނުންވާ ޒަރޫރީ ތަކެތި ކަމުގައިވާ ބޭހާއި ތެޔޮ އެތެރެނުކުރެވޭވަރު ވެފައެވެ.

ދެ ލީޑަރުންގެ ބައްދަލުވުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ، ފާއިތުވި އަހަރަކީ ލަންކާގެ ރައްޔިތުންނަށް ވަރަށް ގޮންޖެހުން ބޮޑު އަހަރެއްކަމަށެވެ. އަދި އިންޑިޔާއިން އަބަދުވެސް ލަންކާއާއި ލަންކާގެ ރައްޔިތުންނާއެކު ދެމިއޮންނާނެކަމަށް މޯދީ ވިދާޅުވިއެވެ.

މީގެއިތުރުން ދެގައުމުގެ ލީޑަރުން ވަނީ އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއް އެކުލަވާލާފައި ކަމަށާއި، މެރިޓައިމާއި، ވައިގެ މަގުންނާއި ހަކަތައިގެ ދާއިރާއިންނާއި، އަދި ދެ ގައުމުގެ ރައްޔިތުންގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވާކަމަށް މޯދީ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމާއި، ހަކަތައާއި، ވިޔަފާރިއާއި، މަތީތައުލީމާއި، ސްކިލް ޑިވެލޮޕްމަންޓް ދާއިރާއިން ދެ ގައުމު ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުން އަވަސްކުރުމަށް މަޝްވަރާކުރެއްވިއެވެ.

މޯދީ ވިދާޅުވީ ވަރަށް އަވަހަށް ދެ ގައުމުގެ ދެމެދުގައި އިލެކްޓްރިކް ގްރިޑްސް ގުޅާލުމުގެ މަސައްކަތް ކުރާނެކަމަށާއި، ދެ ގައުމުގެ ދެމެދުގައި ޕެޓްރޯލިއަމް ޕައިޕްލައިން އެޅުމުގެ ދިރާސާވެސް ވަރަށް އަވަހަށް ކުރާނެކަމަށް މޯދީ ވިދާޅުވިއެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދު ބްރިޖަކުން ގުޅާލުމުގެ މަސައްކަތްވެސް ފެށޭނެކަމަށް މޯދީ ވިދާޅުވިއެވެ.

ވިކްރަމަސިންގހަ ވިދާޅުވީ ދެ ގައުމުގެ ދެމެދު ޕެޓްރޯލިއަމް ޕައިޕްލައިނެއް އެޅިގެންދިޔުމަކީ ލަންކާގެ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހަކަތަ ލިބުމަށް ފަހިވާނެ މަގެއްކަމަށެވެ. މީގެއިތުރުން ލަންކާއަށް ދިމާވި އިގްތިސާދީ ދަތި ދަނޑިވަޅުގައި އިންޑިޔާއިން ދިން އެހީތެރިކަން ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!