ޗައިނާއާއި ރަޝިއާ އާ ގުޅިގެން ޖަޕާނުގެ ކަނޑުގައި މިލިޓަރީ ފަރިތަކުރުންތަކެއް

ރަޝިއާއާއި ޗައިނާ ގުޅިގެން ޖަޕާނު ކަނޑުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ރަޝިއާއާއި ޗައިނާގެ މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ ޖުލައި 20ން 23ށެވެ.
މި އަސްކަރީ ތަމުރީނުތަކުގެ ތެރޭގައި ކަނޑާއި ވައިގެ ތަމުރީނުތައް ހިމެނޭކަމަށް ރަޝިއާއިން ބުނެއެވެ. އެގޮތުން ދެގައުމުންވެސް ތަފާތު ފޯމޭޝަންތަކުގައި ހަރަކާތްތެރިވުމުގެ ހުނަރު އިތުރުކޮށް، މުވާސަލާތީ ޑްރިލްތައް ބާއްވާފައިވާކަމަށް ވަނީ ބުނެފައެވެ. އަދި ރަޝިއާގެ އަސްކަރިއްޔާއިން ކަނޑުގައި ތިބެގެން، ބިމުގެ އެކި ހިސާބުތަކަށް ހަމަލާދިނުމުގެ ތަމުރީނުތަކެއްވެސް ކުރިއަށްގެންދިޔަކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިތަމްރީނުތަކުގެ ތެރޭގައި ވައިގެ ހަމަލާތަކުން ދިފާއުވުމުގެ ތަމްރީނުތަކެއްވެސް ކުރިއަށްގެންދިޔަ ކަމަށް ރަޝިއާއިން ވަނީ ހިއްސާކޮށްފައެވެ.
މި ތަމްރީނުޕްރޮގްރާމްގެ ސަބަބުން ރަޝިއާއާއި ޗައިނާގެ ކަނޑުގެ ސިފައިންގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެކަމަށް ދެގައުމުން ގަބޫލުކުރެއެވެ. އަދި މިފަދަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދިޔުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ސުލްހައާއި ހަމަޖެހުން ދެމެހެއްޓުން ކަމަށްވެސް ދެގައުމުން ފާހަގަކުރެއެވެ.