ލައިފްސްޓައިލް

ކޮވިޑް 19: މޫނުގައި އަބަދު އަތްހޭކުމާއި ދުރުވޭ!

ކޮރޯނާ ވައިރަހުގެ ނުރައްކާ ދިވެހި ގައުމަށް ވެސް މިހާރު މިވަނީ ކުރިމަތިވެފައެވެ. ކޮންމެ މީހަކުވެސް ބަލަންވީ އަމިއްލަ ނަފްސާއި އާއިލާ ރައްކާތެރިކުރުމަށެވެ.އެކަމަށް ޓަކައި ކުރެވިދާނެ ކަމަކީ ކޮބައިތޯ ބަލާ އެގޮތަށް ޢަމަލު ކުރުމަށެވެ.

ރާއްޖެއިން ވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް 6 މީހަކު މިހާތަނަށް ފެނިފައިވާއިރު، މި ނުރައްކާތެރި ވައިރަހުން ރައްކާތެރިވެ ތިބުމަށް ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަބަދު މޫނުގައި އަތް ހޭކުމަކީ ބައެއް މީހުންގެ އާދައެކެވެ. ފޫހިވެގެން ނުވަތަ ކަންކަމާއި ވިސްނާއިރުވެސް މޫނުގައި އަތް ހޭކުމަކީ އާއްމު ކަމެކެވެ. ކޮރޯނާ ވައިރަހަކީ ކެއްސާއި ކިނބިހި އަޅައި ހެދުމާއި ގައިގޯޅި ވެ އުޅުމުގެ ތެރެއިން ގައިން ގަޔަށް އަރައި ބައްޔެކެވެ. އެހެން ކަމުން އަތްނުދޮވެ އަބަދު މޫނުގައި އަތްހޭކުމަކީ ވެސް ކޮރޯނާ ވައިރަސް ފަދަ ބަލިތައް ޖެހުމަށް މަގުފަހިކުރުވާ ކަމެކެވެ. މޫނުގައި އަބަދު އަތްހޭކުމަށް އާދަވެފައިވާ މީހަކަށް ހަމަ ކުއްލިއަކަށް މިކަމާއި ދުރުވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ތިރީގައި ހިމަނާފައި އެވަނީ މޫނުގައި ގިނައިން އަތްނުލައި އުޅުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ބޭރަށް ދާއިރު ނުވަތަ އެކުވެރިންނާއިއެކު ނުވަތަ ގޭތެރޭގައި އުޅޭއިރުވެސް އަބަދުވެސް ފަސޭހައިން އަތް ޖެހޭ ފަށުގައި ޓިޝޫ ގެންގުޅުމަކީ މުހިންމު ކަމެކެވެ. އަތްޖެހޭ ހިސާބުގައި ޓިޝޫ ގެންގުޅުމުން، މޫނު ތަނެއް ކަހާލަން ޖެހޭ ވަގުތު ނުވަތަ މޫނު ފޮހެލަން މޫނުގައި އަތް ހޭކުމަށްވުރެ ޓިޝޫ އަކުން ފޮހެލާ ނުވަތަ ޓިޝޫ ބޭނުން ކޮށްގެން މޫނު ކެހުމުން، ޖަރާސީމް މޫނުގެ ހަންގަނޑު މެދުވެރިކޮށް ހަށިގަނޑު ތެރެއަށް ދިއުން ދުރުކޮށްދެއެވެ. މީގެ އިތުރުން ކެއްސާއި ކިނބިހި އަޅާ ވަގުތު ތަކުގައި އަނގަޔާއި ނޭފަތް އަތުން ބަންދުކުރުމުގެ ބަދަލުގައި ޓިޝޫ ބޭނުންކުރުމަށް އާދަކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން ލޯ ކަހާލުމަށް ނުވަތަ މޫނުގައި ނަގާފައި ހުންނަ ބިއްސެއް ފަޅާލުމަށްވެސް މޫނުގައި އަތްލުމުގެ ބަދަލުގައި އެކަމަށް އޮތް ޑޮކްޓަރީ ފަރުވާ ލިބިގަތުމަށް މުހިންމު ކަން ދޭށެވެ. މިސާލަކަށް ބުނާނަމަ، ލޯ ހިރުވާނަމަ އަތުން ލޯ ކެހުމުގެ ބަދަލުގައި ޑޮކްޓަރަށް ދެއްކުމަށް ފަހު އެކަމަށް ބޭސް ބޭނުންކުރަން އާދަކުރާށެވެ. މޫނު ކަހައި ނުވަތަ ފޫހިވެގެން މޫނުގެ އެކި ގުނަވަންތަކުގައި އަބަދު އަތް ހޭކުމަށްވުރެ، އެގޮތަށް މޫނު ހިރުވާ ވަގުތުތަކުގައި ސާފު ފެން ބޭނުން ކޮށްގެން މޫނު ދޮވެވިދާނެއެވެ.

މޫނުގައި އަބަދު އަތްހޭކުމުން ދުރުވާނެ އަނެއް ގޮތަކީ އަބަދުވެސް އަތް ކޮންމެވެސް ކަމެއްގައި ބުރަކޮށް ގެންގުޅުމެވެ. މިސާލަކަށް ކަމެއް ނެތިގެން ފޫހިވެފައި މޫނު ކޮށްޓަން އިނުމުގެ ބަދަލުގައި، އަބަދުވެސް ލުއި މަސައްކަތެއް ކުރުމުގައި ވަގުތުތައް ހޭދަކުރުން ނުވަތަ، ސްޓްރެސްފްރީ ބޯޅަ ފަދަ އެއްޗެހި އަބަދުވެސް އަތަށް ލައިގެން ވެސް އުޅެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!