އެމެރިކާއިން ޓައިވާނަށް 345 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެނީ
ޗައިނާގެ މުގައްދަސް ރަށެއްކަމަށް ބުނެ މިނިވަންވެގެން އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާ ޓައިވާނަށް އެމެރިކާއިން އަސްކަރީ އެހީގެ ގޮތުގައި 345 މިލިއަން ޑޮލަރުގެ ޕެކޭޖެއް ދޭން ނިންމައިފިއެވެ.
މި ޕެކޭޖްގައި އަސްކަރީ މައުލޫމާތާއި އަސްކަރީ ދާއިރާގެ ތައުލީމާއި ތަމްރީނު ދިނުންވެސް ހިމަނާފައި ވެއެވެ.
ޕެކެޖްގައި ހިމެނޭ އަސްކަރީ އާލާތްތަކާ ބެހޭ މައުލޫމާތު ވޮޝިންޓަނުން ހާމަކޮށްފައި ނުވިނަމަވެސް މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ، އެ ޕެކޭޖްގައި ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމް [އެއްތަނުން އަނެއް ތަނަށް ގެންދެވޭ ދިފާއީ ނިޒާމު] ތަކާއި ކުދި ހަތިޔާރާއި ސަވައިލަންސް ނުވަތަ ފާރަލާ ބެލެހެއްޓޭ އާލާތްތައް ހިމެނޭ ކަމަށެވެ.
އެމެރިކާގެ މިނިންމުމާ ގުޅިގެން ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާން ލިއު ޕެންގްޔޫ ވިދާޅުވީ، ޓައިވާނަށް ހަތިޔާރު ވިއްކުން އެމެރިކާއިން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށާއި އެމެރިކާގެ އަމަލުތަކުގެ ސަބަބުން މަޝްރަހު އިތުރަށް ހޫނުވުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.
ޓައިވާނަކީ ގައުމެއް ކަމަށް އެމެރިކާއިން ރަސްމީކޮށް ބަލައިގެންފައި ނުވި ނަމަވެސް ޓައިވާނާ އެކު ސިޔާސީ ގުޅުން ދަމަހައްޓާ 13 ގައުމުގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ. އެމެރިކާއިން ޓައިވާނަށް އެހީ ވަނީ ޗައިނާގެ ނުފޫޒާއި ބާރުން ޓައިވާން މިނިވަން ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޓައިވާނުގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ ނަމުގައެވެ.
ޓައިވާނަކީވެސް އަސްކަރިއްޔާއެއް އޮތް އަދި ވަކި ސަރުކާރެއް އޮތް ގައުމެއް ނަމަވެސް، ޗައިނާ ކަނޑުގައި ޗައިނާއާ ދާދި ގާތުގައި އޮތުމުން ޗައިނާއިން ބުނަމުން ދަނީ އެއީ އެމީހުންގެ ތަނެއް ކަމަށެވެ. ޗައިނާގެ މިހާރުގެ ސަރުކާރު، ކޮމިއުނިސްޓް ޕާޓީ ވެރިކަމަށް އައުމުގެ ކުރިން އުފެދުނު ހަމަނުޖެހުމުގައި ޗައިނާ ދޫކޮށް ދިޔަ އޭރުގެ މީހުން ވަޒަންވެރިވީ ޓައިވާނުގައެވެ.
ޓައިވާނަށް ބިރުދައްކަން ދޭތެރެ ދޭތެރެއިން ޗައިނާއިން އަސްކަރީ އެކްސަސައިޒްތައް ބާއްވާ އިރު، މި ހިނގަމުންދާ މަހުގެ ކުރީކޮޅުވެސް ވަނީ މާސިންގާ އެކްސަސައިޒެއް ޓައިވާން ކައިރީގައި ހިންގާފައެވެ. އެ އެކްސަސައިޒްގައި ހަނގުރާމަމަތީ މަނަވަރުތަކާއި ބޮންއަޅާ ބޯޓުތަކާއި ސާވައިލަންސް އުޅަނދުތައް ބޭނުން ކޮށްފައި ވެއެވެ.
އެމެރިކާއިން ޓައިވާނަށް ދޭ އަސްކަރީ އެހީ އިތުރު ކޮށްފައި ވާ އިރު، 2026 ގެ ނިލަޔަށް އެފް16 މަރުކާގެ ބޮން އަޅާ ބޯޓާއެކު އިތުރު އެހީ ދިނުމަށް 8 ބިލިއަން ޑޮލަރުގެ ޕެކޭޖެއްވެސް ވަނީ އިއުލާން ކޮށްފައެވެ.
އެމެރިކާގެ މި ފިޔަވަޅުތަކަކީ ޗައިނާގެ ރުޅިވެރިކަން އިތުރުވާ ކަންކަން ކަމުގައި ވާ އިރު، ޗައިނާއިން މީގެކުރިންވެސް ބުނެފައި ވަނީ ޓައިވާނަށް މިނިވަން ނުވެވޭނެ ކަމަށާއި ބޭނުންވެއްޖެ ނަމަ އަސްކަރީ ބާރުގެ ބޭނުކޮށްގެން ޓައިވާން ހިފާނެ ކަމަށެވެ.