ދުނިޔެ

ފިލިޕީންސުން ހަނޑުލުގެ ސަޕްލައި އިތުރުކުރަން އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ހޮނިހިރު ދުވަހު ވިދާޅުވީ އެ ގައުމުގެ ހަނޑުލުގެ ސްޓޮކް އިތުރުކުރަން ޖެހޭ ކަމަށާއި އެލްނީނޯ ހިކި މޫސުމުގެ ސަބަބުން ލޯކަލް ދަނޑުވެރިކަމަށް އަދި އެހެނިހެން ސަޕްލަޔަރުންނަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވެ އިންޑިއާއާއެކު ސަޕްލައި ޑީލެއް ހަދަން ޖެހިދާނެ ކަމަށެވެ.

Ads by Sosun Fihaara

ތޫފާން ޑޮކްސޫރީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމަށް ދިޔަ އުތުރުޕްރޮވިންސްގެ ކަގަޔަން ޕްރޮވިންސްގެ އޮފިޝަލުންނާ ވާހަކަ ދައްކަވަމުން މާކޯސް ވިދާޅުވީ ރަލުގެ ގައުމީ ސަޕްލައިއާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

އެގްރިކަލްޗަރ ސެކްރެޓަރީކަންވެސް ކުރައްވަމުން ގެންދަވާ މާކޯސް ވަނީ ދުނިޔޭގެ ސަޕްލައިގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެންމެން ވެސް ތައްޔާރުވަމުން ދަނީ މުޅި ދެކުނު އިރުމަތީ އޭޝިއާގެ އެލްނީނޯ އަށެވެ.

ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ އެތެރެކުރާ އެއް ގައުމު ކަމަށްވާ ފިލިޕީންސުން އާދަޔާ ހިލާފަށް މައިގަނޑު ގޮތެއްގައި ގަންނަނީ އަވަށްޓެރި ވިއެޓްނާމުންނެވެ. ނަމަވެސް މާކޯސް ވިދާޅުވީ ވިއެޓްނާމުން ސަޕްލައި ލިމިޓްވެދާނެ ކަމަށާއި އެހެން ގަންނަ ފަރާތްތައް އެތަނަށް ޖަމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ އިންޑިއާއާ އެކު ޑީލެއް ހެދޭނެ ހެން. އެތަނުގައި ވާހަކަ ދެއްކޭނެ މީހަކު ހުންނާނެ،" މާކޯސް ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ފުޑް މިނިސްޓްރީގެ ތަރުޖަމާނުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ އެކު އެތެރޭގެ އަގުތަކަށް ލުޔެއް ދިނުމުގެ ގޮތުން އިންޑިއާއިން މިދިޔަ ހަފުތާގައި ވަނީ އެ ގައުމުގެ އެންމެ ބޮޑު ހަނޑޫ އެކްސްޕޯޓް ކެޓަގަރީ ކަމަށްވާ ބާސްމަތީ ނޫން ހުދު ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ. ރަލުގެ ބޭނުންޖެހިފައިވާ ގައުމުތަކުގެ ބޭނުންތައް ފުއްދުމަށް ވިސްނާނެ ކަމަށް ބުނެ، ސަރުކާރާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދޮރު ނިއު ދިއްލީން ވަނީ ހުޅުވާލައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!