އެމެރިކާއިން ޓައިވާނަށް 345 މިލިޔަން ޑޮލަރު ދީފި

އެމެރިކާ އިން ޓައިވާން އަށް 345 މިލިއަން ޑޮލަރުގެ އަސްކަރީ ހަތިޔާރު ފޯރުކޮށްދޭން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާ އިން އެކަން ހާމަކުރީ ހުކުރު ދުވަހުއެވެ. އަދި އެެމެރިކާގެ މި ނިންމުމަކީ ޗައިނާ އިން އެ ގައުމާއި މެދު ހިތްހަމަނުޖެހޭނެ ނިންމުމެއް ކަމަށް ބެލެވެއެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މިފަދަ ނިންމުމެއް ނިންމި ނަމަވެސް އަސްކަރީ ހަތިޔާރުގެ އެހީ އާއި ގުޅޭ އިތުރު ތަފްސީލްތައް ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާގެ ކޮންގްރެސްއިން ވަނީ 1 ބިލިއަން ޑޮލަރުގެ ހަތިޔާރު ޓައިވާން އަށް ފޯރުކޮށްދިނުމަށް ފާސްކޮށްފައެވެ. ޗައިނާގެ ބެއިޖިން އިން ވަނީ ތަކުރާރުކޮށް އެމެރިކާ އިން ޓައިވާނަށް ވަމުންދާ އަސްކަރީ އެހީތެރިކަން ހުއްޓާލުމަށް ގޮވާލާފައެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެމެރިކާ އިން ޓައިވާނަށް ފޯރުކޮށްދޭ ހަތިޔާރުގެ ތެރޭގައި ޑްރޯން އާއި އަސްކަރީ ވަރުގަދަ ހަތިޔާރުތައް ހިމެނެއެވެ. މި ނިންމުމާއި އެކު ޓައިވާނަށް ފޯރުކޮށްދޭ އަސްކަރީ ހަތިޔާރުތަކުގެ ލިސްޓެއް ރަސްމީކޮށް އާއްމުކުރާނެ ކަމަށް ބެލެވެއެވެ.
ޓައިވާނުން ވަނީ އެމެރިކާ އިން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށް އެކަމަށްޓަކާ ޝުކުރު އަދާކޮށްފައެވެ. ޓައިވާނުން ދަނީ އަސްކަރީ ހަތިޔާރާއި އެކު އަސްކަރީ ހަކަތަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.