ދުނިޔެ

ޗައިނާގެ ނިއުކުލިޔަރ ހަތިޔާރުގެ ވެރިޔަކަށް އައު ޗީފަކު ހަމަޖައްސައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީޕަލްސް ލިބަރޭޝަން އާމީގެ އަހަރީ ދުވަހުގެ އެއް ދުވަސް ކުރިން ޗައިނާގެ އަސްކަރިއްޔާގެ ކޮމާންޑަރު އިން ޗީފް އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އެ ގައުމުގެ ކޮންވެންޝަނަލް އަދި ނިއުކްލިއާ މިސައިލްތައް ބަލަހައްޓާ ސިފައިންގެ އާ އިސްވެރިއަކު ހޯމަ ދުވަހު އައްޔަން ކުރައްވައިފަ އެވެ.

Ads by Sosun Fihaara

ޕީއެލްއޭ ރޮކެޓް ފޯސްގެ އާ ވެރިޔާގެ މަގާމަށް ނޭވީގެ ކުރީގެ ޑެޕިއުޓީ ކޮމާންޑަރު ވަންގް ހޫބިން އަދި އެ ޖަމާއަތުގެ އާ ސިޔާސީ ކޮމިޝަނަރު ޒޫ ޒިޝެންގް އައްޔަން ކޮށްފައިވާއިރު، އެ ދެ ބޭފުޅުންނަށް ވެސް ޖެނެރަލްގެ އެންމެ މަތީ ދަރަޖަ ލިބިވަޑައިގެންފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެ އެވެ.

ޕީއެލްއޭ ރޮކެޓް ފޯސްއަށް ބަދަލުވުމާ ހަމައަށް ވަންގް ހުންނެވީ 2020 ވަނަ އަހަރުން ފެށިގެން ނޭވީގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގަ އެވެ. މީގެ ކުރިން އޭނާ ހުންނެވީ ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަގާމުގަ އެވެ.

ޒޫ އަކީ ކުރިން ޕީއެލްއޭގެ ފަސް ތިއޭޓާ ކޮމާންޑްގެ ތެރެއިން ސަދަން ތިއޭޓާ ކޮމާންޑްގެ ޑެޕިއުޓީ ޕޮލިޓިކަލް ކޮމިސާރެވެ.

ޕީއެލްއޭ ރޮކެޓް ފޯސްގެ ކުރީގެ ވެރިޔާ ލީ ޔޫޗާއޯ އަލުން ހަވާލުކުރީ ކޮން ތާކު ކަމެއް ނުވަތަ އޭނާ ހުރި ތަނެއް ދައުލަތުގެ މީޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.

މި މަގާމަށް ބޭފުޅުން އައްޔަން ކުރައްވާފައި މިވަނީ މިމަހުގެ އެއްވަނަ ދުވަހު ޕީއެލްއޭ އުފެދުނުތާ 96 އަހަރު ފުރުމުގެ އެއް ދުވަސް ކުރިންނެވެ.

ޗައިނާގެ އިސްތިގުލާލާއި ސަރަހައްދު ހިމާޔަތް ކުރުމަށް ޓަކައި ހަގީގީ ހަނގުރާމައިން ކާމިޔާބީގެ ފުރުސަތު ބޮޑުކުރުމަށް ހަނގުރާމައާއި ހަނގުރާމައިގެ ރޭވުންތައް އިތުރަށް ހަރުދަނާ ކުރުމަށް ޝީ ވަނީ ތަކުރާރުކޮށް އަސްކަރިއްޔާއަށް ގޮވާލައްވާފައެވެ.

ދިފާއީ ނިއުކްލިއާ ސްޓްރެޓެޖީއަކަށް ޗައިނާއިން ވައުދުވެފައިވާ ކަމަށާއި ނިއުކްލިއާ ހަތިޔާރު ފުރަތަމަ ބޭނުން ނުކުރާނެ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ. އަދި ނިއުކްލިއާ ހަތިޔާރު ނެތް ގައުމުތަކާއި ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދުތަކާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށާއި އިންޒާރު ވެސް ނުދޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!