ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން މަރުވި މީހުންގެ ޢަދަދު 300އަށް
ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުންދާއިރު، މި ބަލީގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 293 އަށް އަރައިފިއެވެ. ބަންގްލަދޭޝްގައި ޑެންގީ ހުން ހަލުވިކަމާ އެކު ފެތުރެމުން މި ދަނީ ވިއްސާރަ މޫސުމާ ދިމާކޮށެވެ. މި ބަލި ޖެހިފައިވާ މީހުންގެ ޢަދަދުތައް އިތުރުވެފައިވާއިރު، ހޮސްޕިޓަލުތައް ފުރެމުންދާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ހާމަކުރެއެވެ.
މި އަހަރުގެ މިހާތަނަށް ބަންގްލަދޭޝްގައި މި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 61,500 އަށްވުރެ އިތުރުވެފައިވާ ކަމުގައި އެ ޤައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ. މިއީ، 2000 ވަނަ އަހަރަށް ފަހު އެ ޤައުމުގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް މި ބަލި ޖެހިފައިވާ އަހަރު ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ބަލީގައި މަރުވެފައިވާ މީހުންގެ އަސްލު ޢަދަދު މިހާރު 300 އަށްވުރެ މައްޗަށް އަރާފައިވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ ފަރާތްތަކުން ބުނެއެވެ.
އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރު ޒާހިދު މާލިކު ވިދާޅުވީ މި ބަލި ޖެހިގެން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު ފަރުވާ ހޯދަމުން ދަނީ ވެރިރަށް ދާކާގައި ކަމުގައެވެ. އަދި، ބަލި ޖެހިފައިވާ މީހުންގެ ޢަދަދުތައް އިންތިހާއަށް އުފުލި، ދާކާގެ ހޮސްޕިޓަލްތައް ފުރިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޑެންގީ ހުން ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ޚާއްޞަ ކެމްޕޭނެއް ފަށާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޖޫން މަހުން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދެކުނު އޭޝިޔާގެ ޤައުމުތަކަށް ކުރިމަތިވާ ވިއްސާރަ މޫސުމަކީ ޑެންގީ ހުން ފެތުރުން ޢާންމުވާ ދުވަސްވަރެއް ކަމުގައި ޞިއްޙީ މާހިރުން ފާހަގަކުރެއެވެ. އަދި، މި އަހަރުގެ އޮގަސްޓާއި ސެޕްޓެންބަރު މަހުގެ ތެރޭގައި މި ބަލީގެ ކޭސްތަކުގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އޮފިޝަލުން ވިދާޅުވެއެވެ.
ހުސްވި 2022 ވަނަ އަހަރު ބަންގްލަދޭޝްގައި ޑެންގީ ޖެހިގެން މަރުވި މީހުންގެ ޢަދަދު 281 އަށް އަރައެވެ. އަދި، އެ އަހަރު 62,423 މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ބަންގްލަދޭޝްގެ ޖަހާންގޯރްނަގަރު ޔުނިވަރސިޓީގެ އެންޓިމޮލޮޖީގެ ދާއިރާގެ ޕްރޮފެސަރެއް ކަމުގައިވާ ކަބީރު ބަޝާރު ވިދާޅުވީ އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި މި ބަލި ހަލުވިކަމާ އެކު ފެތުރެމުންދާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައެވެ.
މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރަމުން ދަނީ ކުޑަކުދިންނަށް ކަމުގައި ސޭވް ދަ ޗިލްޑްރަން ޖަމުޢިއްޔާގެ އޭޝިޔާ ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ މުޝީރު ޑރ ޔާސިރު އަރަފާތު ވިދާޅުވިއެވެ. މި ބަލީގެ ސަބަބުން ކުޑަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.
2019 ވަނަ އަހަރު ވެސް ބަންގްލަދޭޝްގައި މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހުނެވެ. އަދި، މި އަހަރު ވެސް ޑެންގީގެ ޢާންމު ބަލިމަޑުކަމެއް ފެތުރެން ފަށާފައިވާ ކަމަށް ސަރުކާރުން ކަނޑައަޅަން ޖެހިފައިވާ ކަމަށް ދާއިރާގެ މާހިރުން ގަބޫލުކުރެއެވެ. އަދި، ހަލުކަމާ އެކު ފިޔަވަޅުތަކެއް ނާޅައިފިނަމަ، ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ މި ބަލީގައި ގެއްލިގެން ހިނގައިދާނެ ކަމުގައި މާހިރުން އިންޒާރު ކުރެއެވެ.
2000 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހޭ މީހުންގެ ޢަދަދު އިތުރުވެފައިވާ ކަން ދިރާސާތަކުން ހާމަވެއެވެ. 2000އާއި 2022 ވަނަ އަހަރާ ދެމެދު މި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު އަށްގުނައަށް އިތުރުވެފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ބުނެއެވެ.
2022 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ ހުން ޖެހުނު މީހުންގެ ޢަދަދު 4.2 މިލިޔަނަށް އަރާއިއިރު، އެމެރިކާ ބައްރުގައި އެކަނިވެސް މި ބަލި ޖެހުނު މީހުންގެ ޢަދަދު 2.8 މިލިޔަނަށް އެރިއެވެ. އަދި، އެ އަހަރު އެމެރިކާ ބައްރުން މި ބަލީގައި މަރުވި މީހުންގެ ޢަދަދު 1,290 އަށް އެރިއެވެ.
ޑެންގީ ހުމަކީ މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުންދާ ބަލި ކަމަށް ބުނެ ޑަބްލިޔު.އެޗް.އޯއިން ވަނީ ޖަނަވަރީ މަހު އިންޒާރު ކޮށްފައެވެ. އަދި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވައިލާ، ޑެންގީއަކީ ޢާންމު ބަލިމަޑު ކަމަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު ވެސް ކޮށްފައެވެ. ޑަބްލިޔު.އެޗް.އޯގެ މާހިރެއް ކަމުގައިވާ ޑރ ރަމަން ވެލާޔުދަން ވިދާޅުވީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން މި ވަގުތު މި ނުރައްކާތެރި ބައްޔަށް ހުށަހެޅިފައިވާ ކަމުގައެވެ.
ޑެންގީއަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އިންސާނުންނަށް މި ބަލި ފަތުރަނީ އީޑީސް ޢާއިލާގެ މަދިރިއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުން ހިމެނެއެވެ. އަދި، ޑެންގީގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ "ޑެންގީ ހެމޮރެޖިކް ފީވަރ"ގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ ގުނަވަންތަކުން ލޭއައުމާއި، ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވުން ހިމެނެއެވެ. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅެން އޮތް އެންމެ ރަނގަޅު ފިޔަވަޅަކީ މަދިރި އާލާވާ ތަންތައް ނައްތައިލުމެވެ. އަދި، މަދިރި ހެފުމުން ދުރުކޮށްދޭނެ ފިޔަވަޅުތައް އެޅުމެވެ.