އިންތިޚާބު މޮނިޓަރ ކުރަން 150އަށްވުރެ ގިނަ އޮބްޒާވަރުން ހަރަކާތްތެރިވާނެ
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގެ 150ށްވުރެ ގިނަ އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު މިފަދައިން ވިދާޅުވީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބުދަ ދުވަހު އިންތިޚާބާއި ބެހޭ ޚާއްސަ މަރުކަޒުގައި ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގުމުންދަނީ ޤާނޫނީ ގަވާއިދުގެ ތެރެއިންތޯ ކަށަވަރުކުރުމަށްޓަކައި، މިހައިތަނަށް ރާއްޖެއިން ބޭރުން 100އަށްވުރެ ގިނަ އޮބްޒާވަރުންނާއި 20 މޮނީޓަރުން އެކްރެޑިޓްކޮށްފައި ވާނެކަމަށާއި، 15 ޤައުމަކުން 32 އޮބްޒާވަރުން އަންނާނެ ކަމަށެވެ.
މިފަހަރުގެ އިންތިޚާބު ވަރަށް ވާދަވެރި އިންތިޚާބަކަށް ވާނެކަން ފާހަގަކުރައްވައި ހަބީބު ވަނީ، އިންތިޚާބުގެ ސުލޫކީ މިންގަނޑަށް ކެންޑިޑޭޓުން އަމަލުކުރުމަށް އެދިވަޑައިގަންނަވައިފައެވެ.
ހަބީބު އިތުރަށް ވިދާޅުވީ ކެންޑިޑޭޓުންނަށް ބުރާސްފަތި ދުވަހުން ފެށިގެން އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.