ދުނިޔެ

ސުޕްރީމް ކޯޓުގެ ޙުކުމާއެކު، ރާހުލް ގާންދީއަށް އަނެއްކާވެސް ޕާލަމެންޓްގެ ގޮނޑި ލިބިވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ މައްޗަށް އަބުރުގެ ދައުވާ ސާބިތުވެފައިވާކަމަށް ނިންމައި ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން އަމުރުކުރުމާއެކު، ރާހުލް ގާންދީއަށް އަނެއްކާވެސް މަޖިލީހުގެ ގޮނޑި ލިބިވަޑައިގެންފިއެވެ.

Ads by WAMCO

ރާހުލް ގާންދީ 2 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ އިންތިޚާބީ ކެމްޕޭނުގެ ތެރޭގައި، ދެއްކެވި ވާހަކައަކާއި ގުޅިގެން ކުރި އަބުރުގެ ދައުވާއެއް ސާބިތުވެގެންނެވެ. އެ ޙުކުމާއެކު، އޭރު މަޖިލީހުގެ ގޮނޑިވެސް ގެއްލުނެވެ.

އެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ހުކުރު ދުވަހު އެ ޤައުމުގެ ސުޕްރީމް ކޯޓުން ވަނީ ނެރެފައެވެ. ވުމާއެކު، މައްސަލަ ނިމެންދެން ރާހުލްގެ މެމްބަރުކަމުގެ ގޮނޑި އާއި އަންނަ އަހަރުގެ އާންމު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރާހުލްއަށް ލިބިވަޑައިގަންނަވާނެއެވެ.

އޭނާގެ ގޮނޑި އަނބުރާ ލިބިވަޑައިގެންފައިވާކަން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

2019 ވަނަ އަހަރުގެ އިންތިޚާބު ތެރޭގައި ކަރްނާޓަކާގައި ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަމުން ގާންދީ ވަނީ ހުރިހާ "ވަގުން" ގެ ނަމުގެ ބައެއްގެ ގޮތުގައި "މޯދީ" ހިމެނެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާގެ އެ ބަސް ނިސްބަތްކުރެއްވީ ޖިނާއީ ގިނަ ތުހުމަތުތަކެއް އިންޑިއާގެ ސަރުކާރުންނާއި އިންޓަރޕޯލްއިން ކޮށްފައިވާ ނީރަވް މޯދީއާއި، އިންޑިއާ ޕްރިމިއަރ ލީގުގެ ޗީފް ލަލިތު މޯދީއަށެވެ.

އޭނާގެ މައްޗަށް ދައުވާކުރީ ބީޖޭޕީގެ ޤާނޫނު ހަދާ މެންބަރެއްކަމަށްވާ ޕުނޭޝް މޯދީ ކުރެއްވި ޝަކުވާއަކާއި ގުޅިގެންނެވެ. އެގޮތުން ގާންދީގެ އެ ވާހަކަފުޅުގެ ސަބަބުން ނަރެންދްރަ މޯދީ ހިމެނޭހެން ގިނަ ބައެއްގެ އަބުރަށް އަރައިގަނެފައިވާކަމަށް ޝަކުވާގައިވެއެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!