ދުނިޔެ

ޕާކިސްތާނުގައި ރޭލެއް ފުރޮޅާލުމުގެ ސަބަބުން 30 މީހުން މަރުވެ، އިތުރު އެތައް ބަޔަކަށް އަނިޔާވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ނަވާބްޝާހްގައި ރޭލެއް، ދަގަނޑު މަތިން ކައްސާލައި ފުރޮޅާލުމުގެ ސަބަބުން މަދުވެގެން 30 މީހުން މަރުވެ، އިތުރު އެތައް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އިއްޔެ ހިނގި މި އެކްސިޑެންޓުގައި ރޭލު ފުރޮޅާލާފައިވަނީ ނަވާބްޝާހްގެ ސަހާރާ ރޭލްވޭ ސްޓޭޝަންދޮށުގައެވެ. މިއީ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީއާ 275 ކިލޯމީޓަރު ދުރުގައިވާ ހިސާބެކެވެ.

Ads by Sosun Fihaara

ހާދިސާ ހިނގުމާއެކު އެހިސާބުގައި ދިރިއުޅޭ މީހުން ނިކުމެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި ރަސްމީ ރެސްކިއު ޓީމްތައް އެހިސާބަށް ފޯރީ ގަޑިއެއްހާއިރު ފަހުން ކަމަށް ވެއެވެ.

ޕާކިސްތާނުގެ ރެއިލްވޭ ނެޓްވަރކަކީ ޒަމާންވީ ނެޓްވަރކެއްކަމުން، މިފަދަ ހާދިސާތައް ހިނގުމަކީ އާންމުކަމެކެވެ. އިއްޔެގެ ހާދިސާއާ ގުޅިގެން ރެއިލްވޭ މިނިސްޓަރު ސާދް ރާފިގް ވިދާޅުވީ ފުރަތަމަ ތަހުގީގުތަކުން އެނގޭގޮތުގައި ރޭލު ދަތުރުކޮށްފައިވަނީ އާދައިގެ ސްޕީޑެއްގައެވެ. އެހެންކަމުން ރޭލު ފުރޮޅާލަން ދިމާވީ ކޮން ސަބަބަކާހެދިތޯ ބަލަމުންދާކަމަށް ވިދާޅުވެފައިވެއެވެ.

ކަރާޗީން ވާހަކަދެއްކި ތަރުޖަމާނަކާ ހަވާލާދީ ޖިއޯޗެނެލުން ބުނެފައިވާގޮތުގައި މިހާދިސާގައި ރޭލުގެ 8 ކެރެޖް ފުރޮޅާލާފައި ވެއެވެ. އަދި ރޭ ދަންވަރާ ހަމަޔަށްވެސް އެއް ކެރެޖްގައި ބައެއްމީހުން ސަލާމަތް ނުކުރެވި ތާށިވެފައި ތިބިކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާދިސާއާ ގުޅިގެން ނަވާބްޝާހާއި އަދި އަވައްޓެރި ސިންދު ޕްރޮވިންސުގެ މައި ހޮސްޕިޓަލުގައި ވަނީ އިމަރޖެންސީ އިއުލާން ކޮށްފައެވެ. އަދި ސިންދު ޕްރޮވިންސުގެ އެތެރޭގެ ރޭލު ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

2021 ވަނަ އަހަރުވެސް ސިންދު ޕްރޮވިންސުގައި ދެ ރޭލު ޖެހުމުގެ ސަބަބުން ސާޅީހަކަށް މީހުން މަރުވެފައިވެއެވެ. އަދި 2013އާ 2017އާ ދެމެދު ހިނގި މިފަދަ ރޭލު އެކްސިޑެންޓުތަކުގައި 150 މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!