ދުނިޔެ

ޗައިނާގައި އެމެރިކާގެ ބައެއް ޓެކް އިންވެސްޓްމަންޓްތައް މަނާކުރަން ބައިޑަން އަންގަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮމްޕިއުޓަރ ޗިޕްސް ފަދަ ނާޒުކު ޓެކްނޮލޮޖީތަކަށް އެމެރިކާއިން ޗައިނާގައި އަލަށް ކުރާ އިންވެސްޓްމަންޓްތައް މަނާކޮށް، ޓެކްނޮލޮޖީގެ އެހެނިހެން ދާއިރާތަކުން ސަރުކާރުގެ އިއުލާނު ބޭނުންވާ އެގްޒެކެޓިވް އަމުރެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ސޮއިކުރައްވައިފިއެވެ.

Ads by WAMCO

ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި މި އަމުރުގައި އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީއަށް ދީފައި ވަނީ ސެމީކޮންޑަކްޓާސް އާއި މައިކްރޯއިލެކްޓްރޯނިކްސް އާއި ކުއަންޓަމް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބައެއް އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ހިމެނޭ ތިން ދާއިރާއަކުން ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން ކުރާ އިންވެސްޓްމަންޓްތައް މަނާކޮށް ނުވަތަ މަނާކުރުމަށެވެ.

މި ފިޔަވަޅުތައް އަޅާނީ އެ ތިން ސަރަހައްދުގެ "ނެރޯ ސަބްސެޓްސް" އަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް ވަކި ތަފްސީލެއް ނުދެ އެވެ. މި ޕްރޮޕޯސަލް އާންމުންގެ އިންޕުޓަށް ވަނީ ހުޅުވާލައިފަ އެވެ.

މި އަމުރަކީ ޗައިނާގެ އަސްކަރީ ޒަމާނީ ކަންކަމަށް އެހީތެރިވެދީ، އެމެރިކާގެ ގައުމީ ސަލާމަތަށް ބުރޫއަރާފަދަ ޓެކްނޮލޮޖީތައް އުފެއްދުމަށް އެމެރިކާގެ ކެޕިޓަލް އާއި ތަޖުރިބާއިން އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވުމުގެ ގޮތުން ނެރުނު އަމުރެކެވެ. މި ފިޔަވަޅަކީ ޕްރައިވެޓް އިކުއިޓީ، ވެންޗާ ކެޕިޓަލް، ޖޮއިންޓް ވެންޗާސް އަދި ގްރީންފީލްޑް އިންވެސްޓްމަންޓްތަކަށް އަމާޒުކޮށްގެން އަޅާ ފިޔަވަޅެކެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައިޑަން ކޮންގްރެސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވަނީ ޗައިނާ ފަދަ ގައުމުތަކުން "އަސްކަރީ، އިންޓެލިޖެންސް، ސަވައިލެންސް ނުވަތަ ސައިބާ އެނަބަލް ކެޕޭސިޓީއަށް މުހިންމު ނާޒުކު ޓެކްނޮލޮޖީތަކާއި އުފެއްދުންތަކުގައި" ކުރިއެރުމުގެ ނުރައްކަލާ ކުރިމަތިލުމަށް ކަމަށެވެ.

ބުރާސްފަތި ދުވަހު ޗައިނާއިން ބުނީ އެ އަމުރާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ފިޔަވަޅު އެޅުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަމުރުގެ ސަބަބުން ވިޔަފާރިތައް އާންމު ގޮތެއްގައި ހިންގުމާއި ނިންމުންތައް ނިންމުމަށް އަސަރުކޮށް، ބައިނަލްއަގުވާމީ އިގްތިސާދީ އަދި ވިޔަފާރީގެ ނިޒާމަށް ބުރޫއަރާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!