އިންޑިއާއިން ޑޭޓާ ޕްރޮޓެކްޝަން ޤާނޫނެއް ފާސްކޮށްފި
ޓެކް ކުންފުނިތަކުން ބޭނުންކުރާ މީހުންގެ ޑޭޓާ ޕްރޮސެސް ކުރާ ގޮތް އަންގައިދޭ ޑޭޓާ ޕްރޮޓެކްޝަން ގާނޫނެއް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން މިއަދު ފާސްކޮށްފި އެވެ.
މި ގާނޫނުގެ ދަށުން ކުންފުނިތަކަށް ބައެއް ބޭނުންކުރާ ފަރާތްތަކުގެ ޑޭޓާ ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ކުންފުނިތަކުން މައުލޫމާތު ހޯދުމާއި ފެޑެރަލް ސަރުކާރުން ކަނޑައަޅާ ޑޭޓާ ޕްރޮޓެކްޝަން ބޯޑެއްގެ ލަފާގެ މަތިން ކޮންޓެންޓް ބްލޮކް ކުރުމަށް އެންގުމުގެ ބާރު ސަރުކާރަށް ލިބިގެންދާނެ އެވެ.
ޑިޖިޓަލް ޕާސަނަލް ޑޭޓާ ޕްރޮޓެކްޝަން ބިލް، 2023 ގެ ދަށުން ދައުލަތުގެ އިދާރާތައް ގާނޫނުން އިސްތިސްނާ ކުރުމުގެ ބާރު ސަރުކާރަށް ލިބިދީ، ބޭނުންކުރާ ފަރާތްތަކުގެ ޕާސަނަލް ޑޭޓާ ރަނގަޅު ކުރުމުގެ ނުވަތަ ފޮހެލުމުގެ އިހްތިޔާރު ވަނީ ދީފަ އެވެ.
އާ ގާނޫނަކީ 2019 ވަނަ އަހަރުގެ ޕްރައިވެސީ ބިލް އިންޑިއާއިން އަނބުރާ ގެންދިއުމާ ގުޅިގެން ފޭސްބުކް އަދި ގޫގުލް ފަދަ ޓެކް ކުންފުނިތަކުން ބޯޑަރު ހުރަސްކޮށް ޑޭޓާ ފްލޯ ކުރުން ހަރުކަށި ކުރުމަށް ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ކަންބޮޑުވާ ބިލެކެވެ.
ގާނޫނާ ހިލާފަށް އަމަލު ނުކުރާނަމަ 2.5 ބިލިއަން ރުޕީސް (30 މިލިއަން ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރަން ގާނޫނުގައި ހިމަނާފައިވެ އެވެ.
ނަމަވެސް ލުއިތައް ދިނުމާ މެދު އިދިކޮޅު މެމްބަރުންނާއި ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ޑިޖިޓަލް ރައިޓްސް ގްރޫޕެއް ކަމަށްވާ އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ވެސް ބުނެފައި ވަނީ އެ ގާނޫނުގައި "އޯވާ ބްރޯޑް ސަވައިލެންސް" އާ ދެކޮޅަށް މާނަހުރި އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށާއި އެޑިޓާސް ގިލްޑް އޮފް އިންޑިއާ އިން ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަސަރުކޮށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އުނިކަން އަންނަ ކަމަށެވެ.
އިންފޮމޭޝަން ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރު ރަޖީވް ޗަންދްރަޝޭކަރު ވިދާޅުވީ މި ގާނޫނުގެ ސަބަބުން ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އިނޮވޭޝަން އިގްތިސާދު ފުޅާވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ގައުމީ ސަލާމަތާއި ބަލިމަޑުކަމާއި ބިންހެލުން ފަދަ ކުއްލި ހާލަތްތަކުގައި ސަރުކާރަށް ގާނޫނީ ގޮތުން ވަނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.