ޗައިނާއިން އިމްޕޯޓުކުރާ ކާރުތައް ބޭނުންކޮށްގެން އެގައުމުގެ ސަރުކާރުން ޖާސޫސް ކުރާނެ: ޔޫކޭގެ މިނިސްޓަރުން
އިނގިރޭސިވިލާތައް ޗައިނާއިން އިމްޕޯޓުކުރާ އިލެކްޓްރިކް ކާރުތައް ބޭނުންކޮށްގެން ޗައިނާ ސަރުކާރުން ޖާސޫސު ކުރާނެކަމަށް އިނގިރޭސި މިނިސްޓަރުން އިންޒާރުދެއްވައިފިއެވެ.
އިނގިރޭސިވިލާތުން ނެޓް ޒީރޯ ޓަރގެޓަށް ވާސިލުވުމަށްޓަކައި 2023 ވަނަ އަހަރުން ފެށިގެން ޕެޓްރޯލް އަދި ޑީސެލް ބޭނުންކުރާ އުޅަނދު ބޭނުކުރުން މަނާކުރުމާއެކު، އެގައުމުގައި ޗައިނާގެ އިލެކްޓްރިކް ކާރުތައް އިތުރުވެގެންދާނެ ކަމުގެ ރިޕޯޓުތައް ވަނީ އާންމުވާން ފަށައިފައެވެ. މިއާއެކު، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޗައިނާ ސަރުކާރުން، އެގައުމުގައި ޖާސޫސު ކުރާނެ ކަމުގެ ބިރު ބޮޑުކަމަށް އިނގިރޭސި ސަރުކާރުން ދަނީ ބުނަމުންނެވެ.
އެގޮތުން ކާރު ތައް ބޭނުންކޮށްގެން، ވީޑިއޯ ފުޓޭޖާއީ އޯޑިއޯ ރިކޯޑިން އަދި ލޮކޭޝަން ޑޭޓާ ހިމެނޭހެން ގިނަ އަދަދެއްގެ މައުލޫމާތު ދެނެގަތުމުގެ ބިރު އެބައޮތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
ސެކިއުރިޓީ ގިނަ ރިސްކުތަކެއްވެސް މިކަމުގައި ހިމެނޭކަމަށް ބުނަމުންދާއިރު، އިނގިރޭސިވިލާތުގެ ކާރުގެ މާކެޓުގެ ބޮޑު ކޮންޓްރޯލެއް ޗައިނާއަށް ދޭކަމަށް ވަނީ ބުނެފައެވެ.
2020 ވަނަ އަހަރު އިނގިރޭސިވިލާތުން ވަނީ ޖާސޫސުކުރާކަމުގެ ބިރަށް، އެގައުމުގެ 5ޖީ ނެޓްވަރކުން ޗައިނާގެ ހުވާއީ ބްރޭންޑް ބޭން ކޮށްފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު އިނގިރޭސި ސަރުކާރުގެ ކާރެއްގައި ޗައިނާގެ ޓްރެކިން ޑިވައިސެއް ހަރުކޮށްފައިހުއްޓާ ފެނިފައިވާކަމަށް އިންޓެލިޖެންސް އޮފިސަރުން ވަނީ ރިޕޯޓުކޮށްފައެވެ.