ދުނިޔެ

ޗައިނާގެ ބޯޓެއް ލަންކާއަށް، އިންޑިއާ ސަރުކާރުން ބުނަނީ އެކަން ގާތުން މޮނިޓަރ ކުރާނެ ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ބޯޓެއް ލަންކާގައި ބަނދަރު ކުރިކަމުގެ ރިޕޯޓުތަކާއެކު އެކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ތަރުޖަމާން އަރިންދަމް ބަގްޗީ ވަނީ ޗައިނާގެ ބޯޓެއް ލަންކާގައި ބަނދަރު ކުރުމުން އެކަން ގާތުން ބަލައި މޮނިޓަރ ކުރުމަށް ސަރުކާރަށް ބާރުއަޅާނެކަމަށް ހުކުރު ދުވަހު ވިދާޅުވެފައެވެ. މިކަމުގައި އިންޑިއާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޗައިނާގެ ބޯޓެއް ލަންކާގައި ބަނދަރުކުރި ކަމުގެ ރިޕޯޓުތައް ލިބިފައިވާކަމަށާއި ނަމަވެސް އެއީ ހަނގުރާމަމަތީ މަނަވަރެއްތޯ ނުވަތަ އެހެން ބޯޓެއްތޯ ނޭނގޭކަމަށްވެސް ބަގްޗީ ވަނީ ފާހަގަކުރައްވާފައެވެ.

ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހު، ޗައިނީސް ޕީޕަލްސް ލިބެރޭޝަން އަރމީގެ ހަނގުރާމަމަތީ މަނަވަރު، "ހައި ޔަންގް 24 ހައޯ" ލަންކާގައި ބަނދަރުކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިބޯޓަކީ ދިގުމިނުގައި 129 މީޓަރު ހުންނަ ބޯޓެކެވެ. މިބޯޓުގައި 138 ކްރޫ ހިމެނޭ ކަމަށާއި ބޯޓުގެ ކޮމާންޑަރަކީ ޖިން ޝިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޯޓު ލަންކާއިން ފުރާ ގޮތަށް ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހު އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ޗައިނާގެ ސެޓެލައިޓް ޓްރެކިން ބޯޓެއް ކަމަށްވާ ޔުއާން ވޭންގް 5 ވަނީ ލަންކާގެ ދެކުނުގައި އޮންނަ ހަމްބަންޓޯޓާ ބަނދަރަށް ޖައްސާފައެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން އޭރުވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެ އުޅަނދަކީ ޖާސޫސުކުުރުމަށް ބޭނުންކުރެވޭނެ އުޅަނދެއް ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!