ޗައިނާގެ ޓީމަކަށް ހަމަލާދިން ގްރޫޕަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ހަމަލާދީފި
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގައި ޗައިނާގެ މަސައްކަތްތެރިންގެ ގާފިލާއަކަށް ދިން ހަމަލާގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ދެ މީހަކު މަރާލައިފި އެވެ.
ގަވާދާރުގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޗަކަރް ބަލޮޗް އާދީއްތަ ދުވަހު އަލްޖަޒީރާއަށް ވިދާޅުވީ މި އޮޕަރޭޝަންގައި ހަމަލާދިން ދެ މީހަކު މަރުވެފައިވާ ކަމަށާއި އެކަން މިހާރު ނިމިފައިވާ ކަމަށެވެ.
އެ ގައުމުގެ ފުލުހުންގެ އޮފިޝަލް ޖަވާދު ތާރިގު ވިދާޅުވީ ހަމަލާ ބަދަލުކުރުމުގައި ބައިވެރިވި ޗައިނާގެ ގާފިލާގެ ހުރިހާ މެމްބަރުންނާއި ސަލާމަތީ އޮފިޝަލުންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ޗައިނާއިން ކަނޑުގެ ބަނދަރެއް ހަދަމުން އަންނަ ދެކުނުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ގަވާދާރުގައި ޗައިނާގެ އިންޖިނިއަރުން ގޮވައިގެން ދަތުރުކުރި ވެހިކަލްތަކަށް ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ ވަކިވެގަތް ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިންނެވެ.
ޕާކިސްތާނުގައި މަނާކޮށްފައިވާ ހަތިޔާރު އެޅި ޖަމާއަތުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ބީއެލްއޭ މަޖީދު ބްރިގޭޑުން މިއަދު އަމާޒުކުރީ ގަވާދާރުގައި ތިބި ޗައިނާގެ އިންޖިނިއަރުންގެ ގާފިލާއަކަށް ކަމަށެވެ.
މީގެ ކުރިން ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ވިންގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޓެރަރިސްޓުން އެ ސަރަހައްދުގައި ތިބިކަން ކަށަވަރުވުމުން" އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.