ދުނިޔެ

ޗައިނާގެ ޝިއާނަށް ކިސަޑު ފައިބާ 21 މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ހުޅަނގުއުތުރުގައި އޮންނަ ޝަންޝީ ޕުރޮވިންސުގެ ޝިއާނަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ކިސަޑު ފޭބުމުގެ ހާދިސާއެއްގައި މަރުވި މީހުންގެ ޢަދަދު 21 އަށް އަރައިފިއެވެ. މި ހާދިސާ ހިނގާފައި މި ވަނީ ހޫނު މޫސުގައި މޫސުން ގޯސްވެ ޗައިނާގެ ބޮޑު ސަރަޙައްދަކަށް ބޯކޮށް ވާރޭ ވެހެމުންދާ ދަނޑިވަޅެއްގައެވެ. ޝިއާނަށް ކިސަޑު ފޭބުމާ ގުޅިގެން ހަ މީހަކު ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވޭތީ، އެ މީހުން ހޯދައި ސަލާމަތް ކުރަން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Sosun Fihaara

ކިސަޑު ފޭބުމާ ގުޅިގެން ޝިއާންގެ ބައެއް ސަރަޙައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކިސަޑު ފޭބުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އަވަށުގައި ޢާންމުންގެ ގެދޮރާއި، އެހެން ޢިމާރާތްތައް ވެސް ވަނީ ވެއްޓިފައެވެ. އަދި، ގަސްގަހާގެހި ވެއްޓުމުގެ އިތުރުން މަގުތަކާއި ޢުމްރަނީ އެހެން ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، 900 އަށްވުރެ ގިނަ ގޭބީސީން ކަރަންޓުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ޗައިނާގެ ބޮޑު ސަރަޙައްދަކަށް މި ވަގުތު ބޯކޮށް ވާރޭވެހެމުން ދަނީ އިރުމަތީ އޭޝިޔާގެ ސަރަޙައްދުތަކުގައި އުފެދިފައިވާ ބާރުގަދަ ތޫފާން ކަނޫންގެ ސަބަބުން ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެ ތޫފާން ޗައިނާގެ އިރުއުތުރުގައިވާ ލިއައޮނިންގ ޕުރޮވިންސުގެ ސަރަޙައްދުތަކަށް އަރާފައި ވަނީ އޮގަސްޓު 11 ވަނަ ދުވަހުއެވެ.

ތޫފާން ކަނޫނާ އެކު ލިއައޮނިންގ ޕުރޮވިންސުގެ ސަރަޙައްދުތަކަށް ގަޑިއަކު 52 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރިއެވެ. އަދި، ކޯރުތައް ފުރިގެން ބަންޑުންވެ، ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވާނެ ކަމަށް ބެލެވޭއިރު، އެ ޕުރޮވިންސުގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ 17,859 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ޝާންޝީއާއި ލިއައޮނިންގގެ އިތުރުން ޓިއަންޖިން އަދި ޗޮންގްޗިންގ ޕުރޮވިންސުގެ ސަރަޙައްދުތަކަށް ވެސް އެ ތޫފާނުގެ އަސަރުތައް ދަނީ ކުރަމުންނެވެ. އަދި، ގިނަ ރަށްތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ތޫފާން ކަނޫނުން ޗައިނާގެ ސަރަޙައްދުތަކަށް އެރުމުގެ ކުރިން އެ ފަދަ ބާރުގަދަ އެހެން ތޫފާނެއް ކަމުގައިވާ ތުކްސުރީ ވެސް ޗައިނާގެ ބައެއް ސަރަޙައްދުތަކަށް އެރުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ރަށްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޖުލައި 28 ވަނަ ދުވަހު އެރި އެ ތޫފާނުގެ ސަބަބުން ޗައިނާއިން ގިނަ ޢަދަދެއްގެ ބަޔަކު މަރުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!