ޕާކިސްތާނުގައި ޗައިނާ ބަޔަކަށް އަމާޒުކޮށް ހަމަލަދީފި
ޕާކިސްތާނުގައި ޢުމްރަނީ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުންޏެއްގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލަދީފިއެވެ. ހަތިޔާރު އެޅި ޖަމާޢަތަކުން ޗައިނާ ކުންފުންޏެއްގެ އޮފިޝަލުން ދަތުރު ކުރަމުންދިޔަ ގާފިލާއަކަށް ހަމަލަދީފައި ވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނުގައިވާ ބަނދަރުމަތީ ރަށެއް ކަމުގައިވާ ގަވާދަރުގައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއާއި އެ ޤައުމުގައި ހުންނަ ޗައިނާގެ ކޮންސިޔުލޭޓުން ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ.
ޗައިނާ ކުންފުނީގެ އޮފިޝަލުން ދަތުރު ކުރަމުންދިޔަ ގާފިލާއަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިޔައީ ހިމާޔަތް ދެމުންނެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ހަތިޔާރު އެޅި ގުރޫޕަކުން ގާފިލާއަށް ހަމަލަދީފައި ވަނީ ބަޑިއާއި ބޮން ފަދަ ހަތިޔާރު ބޭނުންކޮށްގެން ކަމުގައެވެ. މި ހާދިސާގައި ޗައިނާ ކުންފުނީގެ އެއްވެސް އޮފިޝަލަކަށް ވެސް އަދި ސިފައިންގެ މީހަކަށް ވެސް އަނިޔާވެފައި ނުވާ ކަމުގައި އަސްކަރިއްޔާއިން ބުންޏެވެ.
ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއެޓިވް"ގެ ދަށުން އެ ޤައުމުން ދަނީ ޕާކިސްތާނުގައި ގިނަ ޢަދަދެއްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މީގެ ތެރެއިން ގިނަ މަޝްރޫޢުތައް ހިންގަމުން ދަނީ ބަލޫޗިސްތާން ޕުރޮވިންސުގައެވެ. އެ ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ގަވާދަރުގައި ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުން ހިމެނެއެވެ.
ޗައިނާ ކުންފުނީގެ އޮފިޝަލުންނަށް ހަމަލަދޭން މަސައްކަތް ކުރި ހަތިޔާރު އެޅި މީހުންނަށް އަސްކަރިއްޔާގެ ސިފައިން ރައްދު ހަމަލަދީފައިވާ ކަމަށާއި، ދެ ފަރާތުގެ މެދުގައި ހިނގި ހަމަލަ ބަދަލުކުރުންތަކުގައި ހަތިޔާރު އެޅި ގުރޫޕުގެ ދެ މީހުން މަރުވެފައިވާ ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ. ކަރާޗީގައި ހުންނަ ޗައިނާގެ ކޮންސިޔުލޭޓުން ވަނީ ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ދީފައިވާ މި ހަމަލަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ބަލޫޗިސްތާނުގައި ހަރަކާތްތެރިވާ ވަކިވެގަންނަން މަސައްކަތްކުރާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ބަލޫޗިސްތާން ލިބެރޭޝަން އާމީ (ބީ.އެލް.އޭ)ން ވަނީ މި ހަމަލާގެ ޒިންމާ އުފުލާ ކަމަށް ބުނެފައެވެ. އަދި، ހަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވި ކަމަށް ވެސް އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް، އެ ކަން ކަށަވަރުނެ އެއްވެސް ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ބަލޫޗިސްތާނަކީ މައުދަނުގެ ގޮތުން މުއްސަނދި ސަރަޙައްދެކެވެ. ބީ.އެލް.އޭން ބުނީ ޗައިނާއިން ޕާކިސްތާނުގެ ސަރުކާރާ ގުޅިގެން ބަލޫޗިސްތާނުގެ މައުދަނުން ނަހަމަ ގޮތުގައި ނަފާ ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެއާ ގުޅޭ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ޗައިނާގެ ރައްޔިތުންނަށް ހަމަލަދޭނެ ކަމުގައި ބުނެ އެ ޖަމާޢަތުން ދަނީ އިންޒާރު ދެމުންނެވެ.
ގަވާދުރަކީ ޢަރަބި ކަނޑުގައި އޮންނަ ސްޓްރެއިޓް އޮފް ހުރްމުޒް ނުވަތަ ހުރްމުޒް ކަނޑުއޮޅީ ކައިރީގައި އޮންނަ ރަށެކެވެ. އެއީ ތެޔޮ އުފުލާ އާބުބޯޓު ފަހަރު ދަތުރުކުރާ ސަރަޙައްދެކެވެ. ގަވާދުރުގައި ވިޔަފާރި ބަނދަރެއް ތަރައްޤީ ކުރުމުގެ ބޭނުމަކީ އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓު ފަހަރާ އެކު ކުރާ ވިޔަފާރި ފުޅާ ކުރުމެވެ.