ޗައިނާގެ ޑިފެންސް މިނިސްޓަރު ރަޝިއާ އާއި ބެލަރޫސް އަށް ވަޑައިގެންފި
ހުޅަނގުން ދުނިޔެ ކޮންޓްރޯލް ކުރުމަށް ޖާގަ ނުދިނުމަށްޓަކައި ރަޝިއާ އާއި ޗައިނާއިން ގެންގުޅޭ އެއްގޮތް ހިޔާލު، އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިކުރުމަށްޓަކައި ޗައިނާގެ ޑިފެންސް މިނިސްޓަރު ރަޝިއާ އާއި ބެލަރޫސް އަށް ވަޑައިގެންފިއެވެ.
ޗައިނާގެ މީޑިއާތަކުން ބުނީ، ޑިފެންސް މިނިސްޓަރު ލީ ޝަންގްފޫ ގެ މިދަތުރުގެ އެއްބޭނުމަކީ ހުޅަނގުން، ރަޝިއާ އެކަހެރި ކުރި ނަމަވެސް ޗައިނާގެ އެކިވެރިކަމާއި ގުޅުން އަބަދުވެސް ރަޝިއާ އާ އެކު އޮތްކަން ހާމަކޮށްދިނުން ކަމަށެވެ.
އަދި މި ދަތުރުގައި ރަޝިއާ އާއި އެހެން ބައެއް ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންނާ ލީ ބައްދަލުކުރައްވާނެ ކަމަށާއި މޮސްކޯގައި އޮންނަ ސެކިއުރިޓީ ކޮންފަރެންސްގައި ތަގުރީރުވެސް ކުރައްވާނެ ކަމަށް ބުނެފައި ވެއެވެ.
ރަޝިއާގެ ދައުލަތުގެ މީޑިއާ ޓާސް އިން ބުނީ، ލީގެ ދަތުރަކީ 6 ދުވަހު ދަތުރެއް ކަމަށާއި އެކިދާއިރާތަކުން ގިނަ މަޝްވަރާތައް ކުރާނެ ކަމަށެވެ. އަދި ލީ ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްފައި ރަޝިއާގެ ހާރިޖީ ވަޒީރު ސާޖޭ ލަވްރޯވްވެސް ތަގުރީރު ކުރައްވާނެ ކަމަށާއި އޭނާގެ މައުޟޫއަކަށް ވާނީ 'ހުޅަނގާ ނުލައި ތަރައްގީ ގެންނަން ބޭނުންވާ މެޖޯރިޓީ ގައުމުތައް' ކަމަށެވެ. އެ މައުޟޫގެ ދަށުން ދޭދޭ ގައުމުތަކުގެ ދެމެދުގައި ގުޅުން ބަދަހި ކޮށް އާ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ކޮންފަރެންސްގައި ޗައިނާގެ އިތުރުން 100 ގައުމަކާއި އިންޓަނޭޝަނަލް ޖަމާއަތްތަކުގެ ގޮތުގައި ހަރަކާތްތެރިވާ 8 ޖަމާއަތަކުންވެސް ބައިވެރިވާނެ ކަމަށް ބުނެއެވެ.
މި ބައްދަލުވުމުގައި ނިއު ވޯލްޑް އޯޑާއެއް 'ދުނިޔޭގެ އާ ބާރެއް' އުފެއްދުމުގެ ބޭނުންތެރިކަމާއި އޫރޯ އެޓްލާންޓިކްގެ ގައުމުތަކުން ދުނިޔެއަށް އަތްގަދަ ކުރުމަށް ހިންގާ ކަންކަމާ މުގާބިލުގައި ކުރެވިދާނެ ކަންކަމުގެ މައްޗަށް ވެސް މަޝްވަރާ ކުރާނެ ކަމަށް ޓާސް އިން ބުނެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވޭންގް ވެންބިން ވިދާޅުވީ، ރަޝިއާ އާއި ޗައިނާ އަކީ އަބަދުވެސް މަޝްވަރާ ކުރަމުންދާ ދެގައުމުތަކަމަށާއި ތަފާތު އެކި ކަންކަމުގައި މަޝްވަރާކޮށް ގުޅިގެން ކުރިއަށް ދެވޭނެ ކަންކަމާއި އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ހިޔާލު އެއްގޮތް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް އެކިދާއިރާތަކުން އެކުގައި ކުރިއަށް ދެވޭނެ ގޮތްތައް ބަލައި ހަރުދަނާ ކުރަމުން ދާނެ ކަަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ޗައިނާގެ މިވާހަކަތަކަކީ، ހުޅަނގުން ރަޝިއާ އެކަހެރިކޮށް އަޅަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދިން ވަރުގަދަ މެސެޖެއްކަމަށް މުރާސިލުން ބުނެއެވެ.