އިންޑިޔާގެ ތަރައްޤީގެ ދަތުރުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑު- މޯދީ
އިންޑިޔާގައި އަންގާރަ ދުވަހު އެ ގައުމުގެ މިނިވަންދުވަސް ފާހަގަކުރަމުން ދާއިރު، ގައުމުގެ ތަރައްޤީގައި އަންހެނުންގެ ދައުރު ވަރަށް ބޮޑުކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަސް ފާހަގަކުރުމަށް ދެއްވި ދިހަވަނަ ތަޤްރީރުގައި މޯދީ ވަނީ ގައުމު ކުރިޔަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއްކަމަކީ އަންހެނުން އިސްވެ ތިބެ ހިންގާ ތަރައްޤީގެ ހަރަކާތްތައްކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުން ކުރިޔަށްގެންދާ ޗަންދުރަލަޔާން ސްޕޭސް މިޝަންގައި އިސްކޮށް ތިބީވެސް އަންހެން ސައިންޓިސްޓުންކަން މޯދީ ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ސިވިލްއެވިއޭޝަން ދާއިރާގައި އެންމެ ގިނަ އަންހެން ޕައިލެޓުން ތިބީވެސް އިންޑިޔާގައި ކަމަށް ފަޚުރުވެރިކަމާއެކު ބުނެވެން އެބައޮތް ކަމަށް މޯދީ ވިދާޅުވެފައިވެއެވެ. ގައުމުގެ މަންމައިންނާއިން އުޚްތުންގެ އިތުރުން އަންހެން ދަރިންނަށް ބުނެލަން ބޭނުންވަނީ މިއަދު ގައުމު މިވަރަށް ކުރިޔަށް ގޮސްފައިމިވަނީ ތިޔަ ކަނބަލުންގެ ހިއްވަރުންކަމަށް މޯދީގެ ތަޤްރީރުގައި ވިދާޅުވެފައި ވެއެވެ.
ދަނޑުވެރިކަމުގެ ރޮނގުން އިންޑިޔާ މިއަދު ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބީތައް ފާހަގަކުރައްވާ މޯދީގެ ތަޤްރީރުގައި އިންޑިޔާގެ ދަނޑުވެރިންނަށްވެސް ވަނީ ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.