ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމައިފި

އައްޑޫ ސިޓީ ހިތަދޫ ރީޖިނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުން ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ހިތަދޫ ރީޖިނަލް ހޮސްޕިޓަލް އުވާލައި އެ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުން އަލަށް ގާއިމް ކޮށްފައިވާ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމަށް އަންގާ ކަމަށެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ސާކްސަމިޓް ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާއިމް ކުރި ކޮންވެންޝަން ސެންޓަރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ގާއިމް ކުރި ހޮސްޕިޓަލެކެވެ.

ރައީސް އޮފީހުން ހެލްތު މިނިސްޓްރީއަށް އަންގާފައި ވަނީ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ހިތަދޫ ރީޖިނަލް ހޮސްޕިޓަލްގެ މުދަލާއި އެންމެހައި ވަސީލަތްތަކެއް އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށެވެ.

100 އެނދުގެ އެ ހޮސްޕިޓަލުން ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީއާއި ރޭޑިއޮލޮޖީއާއި ސީޓީ ސްކޭންއާއި އެކްސްރޭއާއި މެމޮގްރާމްއި ބޯން ޑެންސިޓީ މެޓްރިކްގެ ހިދުމަތް ހިމެނެއެވެ.

އެ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އެލިއާ ކޮންސްޓްރަކްޝަނުން ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ 2016 ވަނަ އަހަރުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!