ދުނިޔެ

ޕާކިސްތާނުން ފައްޅިތަކަށް ދިން ހަމަލާތަކުގެ ތަހުގީގެއް ފަށައި 146 މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕަންޖާބު ޕްރޮވިންސްގެ ޖަރަންވާލާ އަވަށުގެ ދެ ފައްޅިއަކަށް ހަތިޔާރު އެޅި ބަޔަކު ހަމަލާދީފައިވަނީ ކްރިސްޓިއަން ދެ ރައްޔިތަކު އިސްލާމްދީނަށް ފުރައްސާރަކުރި ކަމަށް ބުނެ އެވެ.

Ads by Sosun Fihaara

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބަޑިއާއި ބަޑިހިފައިގެން އެތައް ސަތޭކަ ބަޔަކު ސެލްވޭޝަން އާމީ ޗާޗާއި ސެއިންޓް ޕޯލް ކެތޮލިކް ޗާޗަށް ހަމަލާދީ އަލިފާން ރޯކޮށްލިއިރު، އަނެއް ބަޔަކު ވަނީ އަމިއްލަ ގެތަކަށް ހަމަލާދީ އަލިފާން ރޯކޮށް، ބިއްލޫރިތައް ތަޅާލައިފަ އެވެ.

ޕަންޖާބު ޕްރޮވިންސް ޕޮލިސް އިންސްޕެކްޓަރެއް ކަމަށްވާ މުހައްމަދު ނަވީދު ވިދާޅުވީ ޕްރޮވިންސްގެ ވެރިރަށް ލާހޯރާ 115 ކިލޯމީޓަރު ދުރުގައި އޮންނަ ޖަރަންވާލާގައި މީހުން ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.

"މި ހާލަތުގައި ގާނޫނީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން މިދަނީ،" އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ނަވީދު ވިދާޅުވި އެވެ.

ޕާކިސްތާނުގެ އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ ގާނޫނުގެ ދަށުން ކްރިސްޓިއަން ދެ ދިވެއްސަކާ ދެކޮޅަށް ވެސް ފުލުހުން ވަނީ ރިޕޯޓެއް ހުށަހަޅައިފަ އެވެ.

އޭގެ ފަހުން ބުދަ ދުވަހު ޕަންޖާބުގެ ވަގުތީ އިންފޮމޭޝަން މިނިސްޓަރު އާމިރު މީރު ވިދާޅުވީ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"ތަހްސިލް ޖަރަންވާލާ ޑިސްޓްރިކްޓް ފައިސަލްއާބާދުގެ ދީނީ ހަމަނުޖެހުންތަކާއި އަމަން އަމާންކަމުގެ ނާޒުކު ހާލަތާ ގުޅިގެން" ޕެރަމިލިޓަރީ ރޭންޖާސް ހަރަކާތްތެރިވެފައިވާ ކަމަށް ރަސްމީ ބަޔާނެއްގައި ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!