ދުނިޔެ

އެމެރިކާ، ޖަޕާން ގުޅިގެން ހައިޕަރސޮނިކް މިސައިލް އިންޓަރސެޕްޓަރ އުފައްދަން ނިންމަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ އާއި ޖަޕާން ގުޅިގެން ޗައިނާ، ރަޝިއާ އަދި އުތުރު ކޮރިއާއިން އުފައްދާ ހައިޕަރސޮނިކް ހަތިޔާރުތައް ހުއްޓުވޭނެ އިންޓަސެޕްޓަރ މިސައިލް އުފައްދަން މިހަފުތާގެ ތެރޭގައި އެއްބަސްވާނެ ކަމަށް ޖަޕާންގެ ނޫހެއްކަމަށްވާ ޔޮމިއުރި އިން ރިޕޯޓުކޮށްފިއެވެ.

Ads by WAMCO

މިއެއްބަސްވުމަށް ދެގައުމުންވެސް އަންނާނީ އަންނަ ހުކުރު ދުވަހު، ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ބައްދަލުވުމުގެ ތެރެއިން ކަަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އެމެރިކާގައި ކުރިއަށްދާ މިބައްދަލުވުމުގައި މިހާރު އުފައްދާފައިވާ ބެލިސްޓިކް މިސައިލް ޑިފެންސް ސިސްޓަމްތައް ފޫއަޅުވާލެވޭނެ ފަދަ އިންޓަރސެޕްޓަރސް އުފެއްދުމާ ގުޅޭގޮތުން ދެގައުމުގެ ވެރިން މަޝްވަރާކުރައްވާނެކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ޖަޕާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އޮފިޝަލެއްގެ ބަސް ލިބިފައި ނުވާކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާރު އުފައްދާފައިވާ ބެލިސްޓިކް މިސައިލްތަކަކީ ވަކި މަންޒިލަކަށް އަމާޒުކޮށް ފޮނުވާލެވޭ މިސައިލެވެ. އަދި އެމިސައިލް ތަކަކީ ވަކި މަންޒިލެއް އަމާޒުކުރުމަށްފަހު، މިސައިލް ފޮނުވާލާ ހިސާބުން، އެމިސައިލްތަކުގެ އަމާޒު ބަދަލުކުރެވޭނެ މިސައިލް ތަކެއް ނޫނެވެ. ނަމަވެސް ހައިޕަރސޮނިކް މިސައިލަކީ މިސައިލް ލޯންޗުކުރުމަށްފަހު ވެސް މިސައިލްގެ މަންޒިލް ބަދަލުކުރެވޭ ހަތިޔާރު ތަކެކެވެ. އެހެންކަމުން ހައިޕަރސޮނިކް މިސައިލްތައް ދަތުރުކުރަމުންދާއިރު، އެމިސައިލްތައް ހުއްޓުވުމަށް ހަމަލާދިނުމަކީ ފަސޭހަކަމެއް ނޫނެވެ.

ޖަޕާންގެ ބޮޑުވަޒީރާއި އެމެރިކާގެ ރައީސް ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ ދެކުނު ކޮރިއާގެ ރައީސް ޔޫން ސުކް ޔޮލް އާއިއެކު، މެރީލޭންޑްގެ ކޭމްޕް ޑޭވިޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރައިލެޓެރަލް ސަމިޓްގެ ހަވާސާގައެވެ.

ޖަޕާން އާއި އެމެރިކާ ގުޅިގެން މިފަދަ އިންޓަރސެޕްޓަރ އުފެއްދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކިގެން ގޮސްފައި ވަނީ ޖަޕާންގެ ފޮރިން މިނިސްޓަރު ޔޮޝިމަސަ ހަޔަޝީ އާއި ޑިފެންސް މިނިސްޓަރި ޔަސުކަޒު ހަމަޑާ އަދި އެމެރިކާގެ ސެކްރެޓަރީ އެންތަނީ ބްލިންކެން އަދި ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން، މިއަހަރުގެ ޖެނުއަރީ މަހު ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގެ ތެރެއިންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!