ބިންވެރިޔާ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިންނަށް ގޯތިތައް ދޫކުރުމުގައި އިންސާފުވެރިކަމެއް ނެތްކަމަށް ދެކެވޭ ވާހަކަތައް ޕްލޭނިންގް މިނިސްޓްރީން ދޮގުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިންގް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ ގުރުއަތު ނަގާ ފޮށިތަކުގައި ކަރުދާސް ހުރީ އެންމެ ފުރަތަމަ ދުވަހު ވެސް އެޅިގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ އިތުބާރު ހިފޭ ގޮތަށް ގުރުއަތުލުން ކުރިއަށް ގެންދިޔުމުގެ ގޮތުން ކޮންމެ ރެޔަކުވެސް ފޮށި ބަންދު ކުރަނީ އެންމެ ފަހުން ޓެންޓަށް ވަންނަ މީހުންގެ ހާޒިރުގައި ކަމަށެވެ. އަދި އެ ސީލް ކަނޑަނީ އަނެއް ދުވަހު ގުރުއަތު ނަގަން ފުރަތަމަ ވަންނަ މީހުންގެ ހާޒިރުގައި ކަމަށްވެސް އާރިފް ވިދާޅުވި އެވެ.
ކަރުދާސްކޮޅުތައް އަޅާފައި ހުންނަ ފޮށިތައް ރޭގަނޑު ހުންނާނީ ޕްލޭނިންގް މިނިސްޓްރީގެ މުވައްޒަފުންނާއި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް އާރިފް ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ އިތުރުން ގުރުއަތުލާ ވަގުތުގައި ޔެސް ޓީވީން ޓެންޓު ތެރޭގެ ހުރިހާ މަންޒަރެއް ލައިވް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ގުރުއަތުލުން އިންސާފުވެރިކޮށް ކުރިއަށް ނުދާކަމަށް ބުނެ ވާހަކަ ދައްކަމުންނެވެ. އެގޮތުން ގުރުއަތުލާ ކަރުދާސްކޮޅުތައް އަޅާފައި ހުންނަ ފޮށިތަކުގައި އެކި ދުވަސް ދުވަހު އެކި ކަރުދާސްކޮޅުތައް ހުންނަކަމަށާއި ބައެއް ވަގުތުތަކުގައި ހުޅުމާލޭގެ ބިންތައް ލިޔެފައި ހުންނަ ކަރުދާސްކޮޅުތައް ގިނައިން ފޮށީގައި ހުންނަކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ.
އެހެންނަމަވެސް އާރިފް ވިދާޅުވީ ވަކި މީހަކަށް ވަކި ގޯއްޗެއް ދޭކަމަށް ބުނެ ވާހަކަ ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ބޭނުންވާ މައުލޫމާތެއް ނަމަ ގަލޮޅު ދަނޑަށް އައިސް އެ މައުލޫމާތެއް ސާފުކުރުން ނުވަތަ ކަން ހިނގާ ގޮތް ބެލުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރަނީ ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުންނެވެ. ގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮތީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ނުހިއްކާ އޮތް ބިމުންނާއި، ގިރާވަރުފަޅުގެ ނުހިއްކާ އޮތް ބިމުން ގޯތި ދޫކުރާތީ އެވެ. ސަރުކާރުން ބުނީ މިދައުރު ނިމުމުގެ ކުރިން ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ކީއްވެތޯ އެއް ފޮއްޓަކަށް ހުރިހައި ކަރުދާސް ނޭޅީ.