ދުނިޔެ

ޕާކިސްތާނަށް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ވަގުތީ ބޮޑުވަޒީރެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް ވަގުތީ ބޮޑުވަޒީރެއް އައްޔަންކުރައްވައި، ރައީސް އާރިފް އަލްވީ ރަސްމީ އޯޑަރުގައި ސޮއިކުރައްވައިފި އެވެ.

Ads by WAMCO

ވަގުތީ ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރެއްވީ ގާނޫންހަދާ މަޖިލީހުގައި ބެލޮޗިސްތާން ތަމްސީލުކުރައްވާ މެމްބަރު، އަންވާރުލް ހައްގު ކާކަރު އެވެ. މިއީ ޕާކިސްތާންގެ ސިޔާސީ މައިދާނުގައި މާ ބޮޑު މަގުބޫލުކަމެއް އޮތް މެމްބަރެއް ނޫނެވެ.

ރައީސް އާރިފް އަލްވީ ވަގުތީ ބޮޑުވަޒީރެއް ކަނޑައެޅުއްވީ، މި ހިންގާ އޯގަސްޓް ނުވައެއް، ބުދަދުވަހު ސަރުކާރު އުވާލައްވައި އިސްތިއުފާދެއްވި ކުރީގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާއި އިދިކޮޅު ލީޑަރު ރާޖާ ރިއާޒް ދެއްވި އިރުޝާދަށެވެ.

ސަރުކާރު އުވާލީ އާ އިންތިޚާބަކަށް ފުރުސަތު ދިނުމަށެވެ. މިހެންކަމުން ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އާންމު އިންތިޚާބެއް ބާއްވަން ޖެހެ އެވެ.

ޕާކިސްތާނަށް ވަގުތީ ބޮޑުވަޒީރެއް އައްޔަންކުރެއްވުމާ އެކު އޭނާ ވެސް ސަރުކާރެއް އެކުލަވާލައްވާނެ އެވެ. ވުޒާރާތަކަށް ވަޒީރުން ކަނޑައަޅުއްވާނެ އެވެ. އަދި އާދައިގެ ހާލަތެއްގައި ގައުމު ހިންގުމަށް ބޭނުންވާ ހުރިހާ ދިމާއަކަށް ވެރިން ކަނޑައަޅުއްވާނެ އެވެ.

ވަގުތީ ބޮޑުވަޒީރެއް އައްޔަންކުރެއްވުމުގައި އޮންނަ މައިގަނޑު ޝަރުތަކީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރެއް އިޚުތިޔާރުކުރުމެވެ. ކާކަރަނީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރައްވާފައިވާ މެމްބަރެކެވެ.

ޕާކިސްތާންގައި ކުރިއަށް 90 ދުވަހުގެ ތެރޭގައި އާ އިންތިޚާބެއް ވާއްވަން ޖެހުނު ނަމަވެސް، އަންނަ އަހަރަށް އިންތިޚާބު ފަސްކުރަން ޖެހިދާނެ ވާހަކަތަކެއް ވެސް އެބަ ދައްކަ އެވެ.

އެއީ ޕާކިސްތާންގައި މި އަހަރުގެ މާޗުގައި ޕާކިސްތާން ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބޭއްވި ބޯހިމެނުމަށް ބަލައި އިދާރީ ދާއިރާތަކަށް ބަދަލު ގެންނަން ޖެހިފައި އޮތުމުންނެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ބުނަނީ އިރާދީ ދާއިރާތައް ކަނޑައަޅައި އިންތިހާބު ކަށަވަރުވާ މެމްބަރުގެ އަދަދު ކަނޑައަޅަން ދެތިން މަސް ނަގާނެ ކަމަށެވެ.

ޕާކިސްތާންގެ ސިޔާސީ މަސްރަހު އަންދާޒާކުރާ މީހުން ގަބޫލުކުރާ ގޮތުގައި ޕާކިސްތާން މިހާރު އޮތް ހާލަތުގައި ޝަހެބާޒް ޝަރީފް އިސްތިއުފާ ދެއްވީ މަގުބޫލުކަން އިތުރުކުރެއްވުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!