ދުނިޔެ

ބައިޑަން އިންޑިއާގައި ބާއްވާ ޖީ-20 ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަނީ، ވީޕީ ހެރިސް އާސިއާންއަށް ވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޖޯ ބައިޑަން ސެޕްޓެމްބަރު މަހުގެ 7 އިން 10 އަށް އިންޑިއާއަށް ވަޑައިގަންނަވާއިރު ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ލީޑަރުންގެ ސަމިޓްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ކަމަލާ ހެރިސް ޖަކާޓާއަށް ވަޑައިގަންނަވާނީ ސެޕްޓެމްބަރު މަހުގެ 4-7 އަށް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

Ads by WAMCO

ވައިޓް ހައުސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވަން މި ދަތުރުތައް އިއުލާނު ކުރެއްވީ ކުރިއަރަމުން އަންނަ ބޮޑެތި އިގްތިސާދުތައް ކަމަށްވާ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ބްރިކްސް ގްރޫޕުން ޖޮހަނެސްބާގްގައި ސަމިޓެއް ބާއްވަމުން ދަނިކޮށެވެ.

އެ ބްލޮކަކީ 2009 ވަނަ އަހަރު އެމެރިކާ އާއި ހުޅަނގުގެ ބައިވެރިންގެ ބާރު ގަދަ ދުނިޔޭގެ އަމާންކަމަށް ގޮންޖެހުމުގެ ޕްލެޓްފޯމެއް އެ ޖަމާއަތުގެ މެމްބަރުންނަށް ފަހިކޮށްދިނުމުގެ ގޮތުން އުފެއްދި ބްލޮކެކެވެ.

ކޮންފަރެންސް ކޯލެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، 2026 ވަނަ އަހަރު ޖީ-20 ބޭއްވުމަށް އެމެރިކާއަށް ވައުދުވެ، ދުނިޔޭގެ އިގްތިސާދީ އެއްބާރުލުން ދިނުމުގެ އެންމެ ބޮޑު ފޯރަމްގެ ގޮތުގައި ޖީ-20 އަށް އެމެރިކާ އިން ވައުދުވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވާނެ ކަމަށެވެ.

ޖަކާޓާގައި ކުރިއަށްދާ 10 ގައުމު ހިމެނޭ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ ސަމިޓްތަކުގައި ބައިޑަން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ރޮއިޓާސް އިން އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު އެކްސްކްލޫސިވްކޮށް ރިޕޯޓްކޮށްފައިވާއިރު، ބައިޑަން ވަޑައިނުގެންފިނަމަ އެއީ ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށް ބައެއް ޑިޕްލޮމެޓުންނާ ހަވާލާދީ ރޮއިޓާސް އިން ވަނީ ބުނެފަ އެވެ.

ބައިޑަން ނެތުމުން ޗައިނާގެ ނުފޫޒު ފުޅާވަމުންދާ ސަރަހައްދަކަށް އެމެރިކާ އިން ދޭ އަހައްމިއްޔަތުކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ދެކެވޭ ފާޑުކިޔުންތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ސުލިވާން ވިދާޅުވީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި އެމެރިކާ އިން ގުޅުން ބަދަހިކުރަމުން އަންނަނީ 2021 ވަނަ އަހަރުން ފެށިގެން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!