އޮކްޓޫބަރުން ފެށިގެން އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން މަނާކުރާނެކަމުގެ ރިޕޯޓުތަކެއް
އޮކްޓޫބަރު މަހުން ފެށިގެން އިންޑިއާއިން ހަކުރު އެކްސްޕޯޓްކުރުން މަނާކުރާނެ ކަމަށް، އެގައުމުގެ ސަރުކާރުގެ ތިން މަސްދަރާކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފިއެވެ.
މިގޮތަށް އިންޑިއާ ސަރުކާރުން އަމަލުކޮށްފިނަމަ، މިކަން ވެގެންދާނީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ހަކުރު އެކްސްޕޯޓުކުރުން މަނާކުރި ފުރަތަމަ ފަހަރަށެވެ.
އިންޑިއާ ސަރުކާރުން މިފަދަ ނިންމުމެއް ނިންމަން ގަސްތުކުރަމުން ދަނީ، އެގައުމަށް ވާރޭ ނުވެހި، އުއްދަނޑި ދަޑުތަކަށް ލިބެމުންދާ ގެއްލުމުގެ ސަބަބުންނެވެ.
އިންޑިއާއިން ދުނިޔޭގެ ބާޒާރަށް ހަކުރު ވިއްކުން މެދުކަނޑާލައިފިނަމަ، އެމެރިކާއާއި އިނގިރޭސިވިލާތަށް ވެސް މިކަމުގެ އަސަރުތައް ކުރާނެއެވެ. ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގަށް ވަރަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ.
ނަން ހާމަނުކުރުމަށް އެދި ރޮއިޓަރސްއަށް މައުލޫމާތުދިން އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވަނީ އާންމުންނަށް ބޭނުންވާ ވަރަށް އެގައުމުގެ މާކެޓަށް ހަކުރު ނެރުމަށް ފަހު، އެކްސްޕޯޓުކުރަން ބޭނުންވާ މިންވަރަށް ހަކުރު ސަޕްލައި ނުކުރެވޭނެ ކަމަށް ބުނެފައެވެ.
މިދިޔަ ސީޒަނުގައި އިންޑިއާ ސަރުކާރުން ވަނީ އެގައުމުގެ ޝުގަރމިލްތަކަށް 11.1 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފައެވެ. އަދި މި ސީޒަނުގައި (ސެޕްޓެމްބަރު 30ގެ ނިޔަލަށް) އެކްސްޕޯޓް ކުރުމަށް ހުއްދަ ދީފައިވަނީ 6.1 މިލިއަން ޓަނުގެ ހަކުރެވެ. އަދި އަންނަ ސީޒަނުގައި (އޮކްޓޫބަރު މަހުން ފެށިގެން) ހަކުރު އެކްސްޕޯޓްކުރުން އެއްކޮށް މަނާކުރާނެ ކަމަށް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ މިވަނީ ރިޕޯޓުކޮށްފައެވެ.
އިންޑިއާއިން އުފައްދާ ހަކުރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން އުފައްދަނީ އެގައުމުގެ ހުޅަނގުގައި އޮންނަ މަހަރާޝްޓްރާ ސްޓޭޓުންނާއި ދެކުނުގެ ކަރްނާޓަކާއިންނެވެ. ނަމަވެސް މިއަހަރު އެސަރަހައްދުތަކަށް ވެހުނު މޫސުމީ ވާރޭ، އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ 50 އިންސައްތަ ދަށްކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިގޮތަށް ވާރޭ ނުވެހޭނަމަ، 2023/24ގެ ސީޒަނުގައި އުފެއްދޭ ހަކުރުގެ ސަޕްލައި މަދުވެ އަދި 2024/25 ގައި އުއްދަނޑި އިންދޭވަރުވެސް މަދުވެދާނެ ކަަމަށް މިދާއިރާގައި މަސައްކަތްކުރާ މީހުން ފާހަގަކުރެއެވެ.
ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަކުރުގެ އަގު އެންމެ މައްޗަށް އިންޑިއާގައި އުފުލިގެން ގޮސްފައިވަނީ މިހަފުތާއެވެ. ހަކުރުގެ އަގު މިހާ މައްޗަށް އަރައިގެން ދިއުމަކީ، ގައުމުގެ މާކެޓަށް އެކަށީގެންވާ ވަރަށް، އަގު ކޮންޓްރޯލްކުރެވޭ ވަރަށް ހަކުރުގެ ސަޕްލައި ނުލިބޭނަމަ، އެކްސްޕޯޓްކުރުމުގެ ހުއްދަ ނުދެވޭނެ ކަމެއްކަމަށް އިންޑިއާ ސަރުކާރުގެ އެހެން އޮފިޝަލަކު ވަނީ ބުނެފައެވެ.
އިންޑިއާގެ ރީޓެއިލް އިންފްލޭޝަންގެ އަގު ފާއިތުވި 15 މަސް ދުވަހު އުފުލުނު އެންމެ މައްޗަށް (7.44 އިންސައްތައަށް) ޖުލައި މަހު އުފުލުނުއިރު، ފުޑް އިންފްލޭޝަން ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އުފުލުނު އެންމެ މައްޗަށް (11.5 އިންސައްތައަށް) އުފުލިފައެވެ.
އަންނަ ސީޒަނުގައި އިންޑިއާގެ ހަކުރުގެ ޕްރޮޑަކްޝަން 3.3 އިންސައްތަ ދަށަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް މާހިރުން ލަފާކުރެއެވެ.
ފާއިތުވި ދެ އަހަރު، ވަކި މިންގަނޑެއް ކަނޑައަޅައިގެން ހަކުރުގެ ބޮޑު ސަޕްލައިއެއް އެކްސްްޕޯޓްކުރުމުގެ ފުރުސަތު ސުގަރ މިލްތަކަށް ދީފައި ވާނެކަމަށާއި އެހެން ނަމަވެސް، ގައުމުގެ އެތެރޭގެ ބާޒާރަށް އެކަށީގެންވާވަރަށް ހަކުރުގެ ސަޕްލައި ކަށަވަރުކޮށް، އަގުތައް އެއް ހަމައެއްގައި ހިފަހައްޓަން މަސައްކަތްކުރަން ޖެހޭކަމަށް، އިންޑިއާ ސަރުކާރުގެ އެހެން އޮފިޝަލަކު ވަނީ ރޮއިޓަރސްއަށް މައުލޫމާތުދީފައެވެ.
އިންޑިއާގައި އުފައްދާ ކާބޯތަކެތީގެ ސަޕްލައި ދަށަށް ގޮސް ކާބޯތަކެތީގެ އަގު އުފުލެމުންދާތީ، އެކަން ހައްލު ކުރުމަށް މިދިޔަ މަހު އެގައުމުގެ ސަރުކާރުން ވަނީ ބާސްމަތީ ނޫން ހުދު ހަނޑޫ އެކްސްޕޯޓުކުރުން މަނާކޮށްފައެވެ. އަދި އެގައުމުން އެކްސްޕޯޓްކުރާ ފިޔައަށް 40 އިންސައްތައިގެ ޑިއުޓީއެއް ނެގުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
މުމްބާއީގައި، ދުނިޔޭގެ ބާޒާރަށް ހަކުރު އެކްސްޕޯޓް ކުރުމުގެ މަސައްކަތްކުރާ މީހަކު ވަނީ، ކުރިއަށް އޮތް ތަނުގައި ތައިލެންޑުންވެސް އެކްސްޕޯޓްކުރާ ހަކުރުގެ ޝިޕްމެންޓްތަކުގެ އަދަދު މަދުވާނެކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. ބްރެޒިލަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ އަދަދެއްގެ ހަކުރު އެކްސްޕޯޓްކުރާ ގައުމަށް ވީނަމަވެސް، އެގައުމަށް އެކަނި ދުނިޔޭގެ ބާޒާރަށް ބޭނުންވާ ވަރަށް ހަކުރު ސަޕްލައި ނުކޮށްދެވޭނެ ކަމަށް އޭނާ ބުންޏެވެ.