ބްރިކްސްއަށް މެންބަރުން އިތުރުކުރުމަށް އެއްބަސްވެއްޖެ
ބްރިކްސްގެ ގައުމުތައް ކަމަށްވާ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާގެ ލީޑަރުން، އެ ގްރޫޕުގެ މެމްބަރުކަން އިތުރު ގައުމުތަކަށް ދިނުމަށް އެއްބަސްވެ، އެކަމާ ގުޅޭ ވަކި އުސޫލުތަކަކަށް އެއްބަސްވެވަޑައިގެންފައި ވާކަމަށް ދެކުނު އެފްރިކާގެ ފޮރިން މިނިސްޓަރު ގްރޭސް ނަލެޑީ މެންޑިސާ ޕެންޑޯރ ވިދާޅުވެއްޖެއެވެ.
ދެކުނު އެފްރިކާގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ ބުދަ ދުވަހުއެވެ.
މިއީ ބްރިކްސްއާ ގުޅުމުގެ ޝައުގުވެރިކަން ހުރި އެތައް ގައުމަކަށް އެގްރޫޕާ ގުޅުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ނިންމުމެކެވެ.
ދެކުނު އެފްރިކާގެ ޖޮހެންސްބަރގުގައި ކުރިއަށްދާ ބްރިކްސްގެ ލީޑަރުންގެ ސަމިޓްގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް އެއް ކަަމަކީ އެ ގްރޫޕަށް މެމްބަރުން އިތުރުކުރުމުގެ ވާހަކައެވެ. ބްރިކްސްގެ ހުރިހާ މެމްބަރު ގައުމަކުންވެސް އެ ގްރޫޕްގެ މެމްބަރަކަށް ވުމުގެ ފުރުސަތު އިތުރު ގައުމުތަކަށް ދޭން އެއްބަސްވެފައި ވީނަމަވެސް، އިތުރުކުރާނީ ކިތައް ގައުމުކަމާއި، މިކަން ކުރާނީ ކޮން ސްޕީޑެއްގައިކަމާމެދު ބްރިކްސްގެ ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ.
މެމްބަރުން އިތުރުކުރުމުގެ މަޝްވަރާތަކުގެ ދަށުން، އެކަން ކުރާނެ ގޮތް ނުވަތަ މެމްބަރަކަށް ވުމުގެ ޕްރޮސެސްއާއި ގައިޑްލައިން އަދި އުސޫލުތައް އެކުލެވޭ ކަރުދާހެއް، މިހާރު ކުރިއަށްދާ ސަމިޓުގެ ތެރެއިން ތަސްދީގުކުރެވިފައި ވާކަަމަށް ދެކުނު އެފްރިކާގެ ފޮރިން މިނިސްޓަރު ވަނީ މިޑިއާއާ ހިއްސާކުރައްވާފައެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް، ބުރާސްފަތި ދުވަހު ސަމިޓް ނިމުމުން، ބްރިކްސް ގައުމުތަކުގެ ލީޑަރުން ދެއްވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ދެކުނު އެފްރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައި ވާގޮތުން މިހާރުވެސް 40ށްވުރެ ގިނަ ގައުމުން ވަނީ ބްރިކްސްއާ ގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި އީރާނާއި ވެނެޒުއޭލާއާއި އަލްޖީރިއާ ހިމެނޭހެން 22 ގައުމަކުން ބްރިކްސްގެ މެމްބަރުކަން ހޯދުމަށް ރަސްމީކޮށް އެދިފައިވާކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.