ދުނިޔެ

ޗައިނާއިން ފިޔަވަޅުތައް އުވައިލުމުން އިތުރު 2 މިލިޔަނެއްހާ މީހުން މަރުވި: ދިރާސާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުއްލިއަކަށް އުވައިލުމާ ގުޅިގެން އެ ޤައުމުގައި ބަލި ފެތުރުން އިތުރުވެ، އިތުރު 2 މިލިޔަން މީހުން މަރުވެފައިވާ ކަމުގައި ރިޕޯޓަކުން ހާމަވެއްޖެއެވެ. ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އުވައިލުމާ އެކު އެ ޤައުމުގެ 1.4 ބިލިޔަން މީހުންގެ އާބާދީގެ ތެރެއަށް ހަލުވިކަމާ އެކު ބަލި ފެތުރިގަނެފައިވެއެވެ.

Ads by WAMCO

ޗައިނާއިން ކުއްލިއަކަށް ފިޔަވަޅުތައް އުވައިލުމާ ގުޅިގެން އިތުރު 2 މިލިޔަން މީހުން މަރުވެފައިވާ ކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ސިއޭޓްލްގައި ހުންނަ ފްރެޑް ހަޗްސަން ކެންސަރ ސެންޓަރުން ހެދި ދިރާސާއެއްގައެވެ. މި ދިރާސާ ހެދުމަށް ބޭނުންކޮށްފައި ވަނީ ޗައިނާގެ ރަސްމީ އިދާރާތަކުންނާއި ޔުނިވަރސިޓީތަކުން ޢާންމުކޮށްފައިވާ މަޢުލޫމާތެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަމަލު ކުރަމުން ގެންގޮސްފައި ވަނީ "ޒީރޯ ކޮވިޑް"ގެ ނަންދީފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ކޮވިޑްގެ އެންމެ ކޭސްއެއް ފެނުނު ނަމަވެސް، އެ ކޭސްއެއް ފެނުނު ސަރަޙައްދެއް މުޅިން ފުރަބަންދު ކުރެއެވެ. އެ ސަރަޙައްދެއް އަލުން ހުޅުވައިލަނީ އެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން އެތަކެއް ފަހަރަކު ޓެސްޓުކޮށް، ބަލި ޖެހިފައިވާ އެންމެން ބަލިން ފަސޭހަވުމުންނެވެ. ޗައިނާގެ ޢާންމު ރައްޔިތުން ދިޔައީ މި ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ޗައިނާއިން ފިޔަވަޅުތައް އުވައިލާފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ. އެއާއެކު މި ބަލީގައި މަރުވާ މީހުންގެ ޢަދަދުތައް އިތުރުވެފައިވާ ކަމަށް ދިރާސާއިން ހާމަވެއެވެ. އަދި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނު މީހުންގެ ޢަދަދު ވެސް އިންތިހާއަށް އިތުރުވެގެންދިޔައެވެ. ނަމަވެސް، ޗައިނާއިން ވަނީ މި ޢަދަދުތައް ހާމަކުރަން ދެކޮޅު ހަދާފައެވެ.

2022 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް އެ ޤައުމުގައި 1.87 މީހުން މަރުވެފައިވާ ކަމަށް ސިއޭޓްލްގެ ކެންސަރ ސެންޓަރުން ބުނެއެވެ. އަދި، އެއީ 30 އަހަރުން މަތީގެ އުމުރުފުރައިގެ މީހުންގެ ޢަދަދުތައް ކަމަށާއި، އޭގެ ތެރެއިން ގިނަ މީހުން މަރުވީ ކޮވިޑް ބަލީގައި ކަމަށް ބެލެވޭ ކަމުގައި ވެސް އެ ސެންޓަރުގެ ދިރާސާ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ޗައިނާއިން މީގެ ކުރިން ބުނެފައި ވަނީ ކޮވިޑް ބަލީގައި މި އަހަރުގެ ޖަނަވަރީ މަހު މަރުވީ 60,000 މީހުން ކަމުގައެވެ. ނަމަވެސް، މިއީ ސައްޙަ ޢަދަދެއް ނޫން ކަމުގައި ސިއޭޓްލްގެ ކެންސަރ ސެންޓަރުން ބުނެއެވެ. އަދި، ޑިސެންބަރާއި ޖަނަވަރީ މަހު 2 މިލިޔަނާ ގާތްކުރާ ޢަދަދަކަށް މީހުން މަރުވެފައިވާ ކަމަށާއި، އެ މަޢުލޫމާތު ހޯދާފައި ވަނީ ޗައިނާގެ ސަރޗް އެންޖިން "ބައިޑޫ"ގައި ޢާންމު ރައްޔިތުން ޝާއިޢުކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމުގައި ވެސް އެ ސެންޓަރުން ބުނެއެވެ.

ކޮވިޑާ ގުޅޭ މަރުތަކުގެ މަޢުލޫމާތު ހާމަ ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ވެސް ވަނީ އެތަކެއް ފަހަރެއް މަތިން ޗައިނާ ސަރުކާރުގައި އެދިފައެވެ. ނަމަވެސް، 2022 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން ވަނީ މަރުތަކުގެ މަޢުލޫމާތު ހާމަކުރުން ހުއްޓައިލާފައެވެ. ޑަބްލިޔު.އެޗް.އޯއިން އެންމެ ފަހުން ބުނެފައި ވަނީ ކޮވިޑްގައި ޗައިނާއިން މަރުވި މީހުންގެ ޢަދަދު 121,628 އަށް އަރާ ކަމުގައެވެ. މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 7 މިލިޔަނެއްހާ މީހުން މަރުވެފައިވެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލްކޮށް ބަލިމަޑުކަން ނިމުމަކަށް ގެނެވިފައިވާ ކަން ޗައިނާއިން ހާމަކޮށްފައި ވަނީ ފެބުރުވަރީ މަހުއެވެ. ނަމަވެސް، ވެރިރަށް ބެއިޖިންގގައި މިހާރު ވެސް މި ބަލި ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށް އެ ރަށުގެ ޞިއްޙީ އޮފިޝަލުން ވިދާޅުވެއެވެ. އެ ރަށުގައި މި ވަގުތު އެންމެ ހަލުވިކަމާ އެކު ފެތުރެމުން ދަނީ "އޮމިކްރޯން"ގެ ސަބްވޭރިއެންޓެއް ކަމުގައިވާ "އީޖީ.5" ނުވަތަ "އެރިސް"އެވެ. މި ސަބްވޭރިއެންޓް އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގައި ވެސް ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!