ދުނިޔެ

ޕާކިސްތާނުގައި މިއަހަރު ކޮންމެ ދެ ގަޑިއިރަކުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި 2023 ވަނަ އަހަރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 12 ކުއްޖަކަށް ނުވަތަ ކޮންމެ ދެ ގަޑިއިރަކުން އެކަކަށް ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކަމަށް އަމިއްލަ ޖަމިއްޔާއަކުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

Ads by WAMCO

އިސްލާމްއާބާދުގެ އެންޖީއޯ ސާހިލް އިން ބުރާސްފަތި ދުވަހު ޝާއިއުކުރި ބައި އަހަރުގެ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 2227 މައްސަލައެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

1996 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި އެންޖީއޯއަކީ ނޫސްތަކުގެ ރިޕޯޓްތަކުގެ އިތުރުން ސީދާ އެ މީހުންނަށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު އެކުލަވައިލާ ޖަމިއްޔާއެކެވެ. އަދި 2023 ވަނަ އަހަރު ރެކޯޑް ކުރެވުނު ކޭސްތަކުގައި 1207 އަންހެން ކުދިންނާއި 1020 ފިރިހެން ކުދިން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ސާހިލްގެ ނެޝަނަލް ލީގަލް އެއިޑް ކޯޑިނޭޓަރު އިމްތިޔާޒް އަހްމަދު ސޫމްރާހް އަލްޖަޒީރާއަށް ވިދާޅުވީ އަނިޔާގެ ގިނަ މައްސަލަތަކުގައި ހިމެނެނީ ހަ އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށެވެ.

"މި އުމުރުފުރާގެ 47 އިންސައްތައަށްވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާ އިރު، އޭގެ ތެރެއިން އަންހެން ކުދިން (457) އާ އަޅާބަލާއިރު ފިރިހެން ކުދިންނަށް ޖިންސީ ގޯނާ (593) ގިނަކަމަށް ރިޕޯޓްކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

އެންޖީއޯގެ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރު ރެކޯޑްކުރި 2200 އަށް ވުރެ ގިނަ މައްސަލައިގެ ތެރެއިން 912 މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުންނަކީ އަނިޔާ ލިބުނު ކުއްޖާ ދަންނަ މީހުން ކަމަށެވެ.

ސާހިލް ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ ކޭސް ރިޕޯޓްކޮށްފައިވަނީ އެގައުމުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!