ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އަވަހާަރަވުމުން، އިދިކޮޅުން ތަޢުޒިޔާ ކިޔައިފި

ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އަވަހާރަވުމުގެ ހިތާމައިގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބައިވެރިވެއްޖެއެވެ.
ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 1998 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިގައި ޓެރަރިސްޓުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވެވަޑައިންނެވި ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ލޮބުވެތި ބައްޕާފުޅު އާދަމް މުޙައްމަދު އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހާ މެންބަރުން އެހީ ވަރަށްވެސް ފުން ހިތަމާއާއި އަސަރާއެކު ކަމަށެވެ.
"މާތްﷲ މަރްހޫމްގެ ފުރާނައަށް ރަޙުމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން"
ޝަޙީދު ކޯޕްރަލް ޙުސައިން އާދަމްގެ ބައްޕާފުޅު އަވަހާރަވުމުގެ ހިތާމައިގައި އެ ކޯލިޝަންގެ އެންމެހައި މެންބަރުން ބައިވެރިވެ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ މަންމާފުޅާއި ޢާއިލާއަށް މިކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައިސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠީފާއި ކޯލިޝަންގެ ލީޑާރޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީތަކާއި އަދި ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށް ބަޔާނުގައިވެއެވެ.
އަދި މާތްﷲ އެމަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
ޙުސައިން އާދަމްގެ ބައްޕަ ނިޔާވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުއެވެ.