ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުމެއް ނުކުރެވޭނެ: އީސީ
ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިސީން ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ އެއްވެސް ކަމެއްގައި، ޑިޖިޓަލް އައިޑީ ކާޑު އަދި އީފާސް ބޭނުން ނުކުރާ ގޮތަށް އީސީން ނިންމާފައިވާ ކަމަށެވެ. އަދި ވޯޓުލުމުގައި ކާކުކަން ދެނެގަތުމަށް ބޭނުން ކުރެވޭނީ މުއްދަތު ހަމަ ނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީކާޑު) ކަމަށް އީސިން ވިދާޅުވިއެވެ.
މީގެ އިތުރުން މުއްދަތު ހަމަ ނުވާ ދިވެހި ޕާސްޕޯޓު، މުއްދަތު ހަމަ ނުވާ ޕާސްޕޯޓް ކާޑު މުއްދަތު ހަމަ ނުވާ ޑްރައިވިންގ ލައިސަންސް ވެސް ވޯޓުލެއްވުމުގައި ބޭނުން ކުރެވިދާނެ ކަމަށާއި މި ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެ ކަމަށް ބުންޏެވެ.
އެހެންކަމުން ވޯޓްލާން ބޭނުންވާ އައިޑީ ކާޑުފަދަ ތަކެތީގެ މުއްދަތު ހަމަވެފައިވާނަމަ، ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާނަމަ، އައު ކުރެއްވުމަށް ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަމަހުގެ 9 ވަނަ ދުވަހުއެވެ. 8 ކެނޑިޑޭޓުން ވާދަކުރައްވާ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. މީގެތެރެއިން 27000 އަށްވުރެ ގިނަ މީހުންނަކީ މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންނެވެ.