ދުނިޔެ

ދުބާއީއަށް ކިޔަވަން ފުރަން ދިޔަ އަފްޣާނިސްތާނުގެ އަންހެން ދަރިވަރުން ތާލިބާނުން ހުއްޓުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މީގެ ކުރިން 1990 ގެ އަހަރުތަކުގައި އަފްޣާނިސްތާނުގައި ވެރިކަން ކުރި ހަރުކަށި އިސްލާމީ ޖަމާއަތެއް ކަމަށްވާ ތާލިބާނުން 2021 ވަނަ އަހަރު ވެރިކަމާ ހަވާލުވިއިރު، އެ ޖަމާއަތުން އެންމެ ފުރަތަމަ ހުށަހެޅީ މީގެ ކުރިން ގެންގުޅުނު ސިޔާސަތު ނުގެންގުޅޭނެ ކަމަށެވެ. އަންހެނުންނަށް ޔުނިވަސިޓީއާ ހަމައަށްވެސް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދީ، ކެރިއަރެއް ބިނާކުރުމަށް ފުރުސަތުތައް ތަނަވަސް ކޮށްދޭނެ ކަމަށް އައީ ބުނަމުންނެވެ.

Ads by WAMCO

ނަމަވެސް އެއާ ހިލާފަށް އެކަން ކުރީ އިތުރަށް ހަރުކައްޓެވެވެ. ތާލިބާނުން ވަނީ އަންހެން ކުދިންނަށް ސެކަންޑަރީ ސްކޫލްތައް ބަންދު ކޮށްފައެވެ. އަންހެނުން ޔުނިވާސިޓީއަށް ދިޔުމާއި އދ ފަދަ އެންޖީއޯތަކުގައި މަސައްކަތް ކުރުން މަނާކުރިއެވެ. ފިރިހެނަކާ ނުލައި ގައުމުން ބޭރަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި ޕާކުތަކާއި ޖިމް ފަދަ އާންމު ތަންތަނަށް ގޮސް އުޅުންވެސް ވަނީ އަންހެނުންނަށް މަނާކޮށްފައެވެ.

އަންހެނުންނަށް މިހާރު ގިނަ ދާއިރާތަކުގައި މަސައްކަތެއް ނުކުރެވެއެވެ. މިދިޔަ މަހު ތާލިބާނުން އެގައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ބިއުޓީ ސެލޫންތައް ބަންދުކުރުމުން އަންހެނުންނަށް ވަނީ އަނެއްކާވެސް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ. މި އިންޑަސްޓްރީގައި ގާތްގަނޑަކަށް 60،000 އަންހެނުން ވަޒީފާ އަދާކުރި އިރު، އޭގެ ތެރެއިން ގިނަ އަންހެނުންނަކީ އެމީހުންގެ ގޭބިސީއަށް ހަމައެކަނި އާމްދަނީ ހޯދާ ފަރާތްތަކެވެ.

އެންމެ ފަހުން ގޮސް، ގައުމުން ބޭރަށް ތައުލީމް ހާސިލްކުރުމަށްދާ އަންހެނުންނާ މެދުވެސް ހަރުކަށި ފިޔަވަޅުތައް އަޅަން ތާލިބާނުން ވަނީ ފަށާފައެވެ.

އަފްޣާނިސްތާނުގެ 20 އަހަރުގެ ދަރިވަރު ނަކްޓައި (އަސްލު ނަމެއް ނޫން) ބުނި ގޮތުގައި އަންހެނުންނަށް ހާއްސަ ޔުނިވަސިޓީތައް ތާލިބާނުން ބަންދުކުރުމުން، ތައުލީމް އުނގެނުމަށް އޭނާ އަށް ލިބުނު ހަމައެކަނި އުންމީދަކީ ބޭރުން ކިޔަވަން ލިބުނު ސްކޯލަޝިޕެކެވެ.

ތާލިބާނުން ވަނީ އެމީހުންނާ ދެކޮޅު ހަދާ އަންހެނުންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ނަކްޓައި ބުނި ގޮތުގައި އަމިއްލަ ގައުމުގައި ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު ކުޑަ ނަމަވެސް، އުންމީދު ކަނޑާ ނުލާ ތައުލީމް އުނގެނުމުން ދިޔަ ކަމަށެވެ.

ނަކްޓައި އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޔުނިވަރސިޓީ އޮފް ދުބާއީގައި ކިޔެވުމުގެ ސްކޮލަރޝިޕް ލިބުނީ އެމިރާތީ ބިލިއަނަރު އަދި ވިޔަފާރިވެރިޔާ ޝެއިޚް ޚަލަފް އަޙްމަދު އަލް ހަބްތޫރުގެ ކިބައިންނެވެ.

އަފްޣާނިސްތާނުގެ އަންހެނުންނަށް ސްކޮލަޝިޕް ދޭން ނިންމީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތާލިބާނުން ޔުނިވާސިޓީތަކުން އަންހެނުން ކިޔެވުން މަނާކުރުމާ ގުޅިގެންނެވެ.

އަފްޣާނިސްތާނުގެ ޖުމްލަ 100 އަންހެނުންނަށް މި ސްކޮލަޝިޕްތައް ވަނީ ލިބިފައެވެ. އަފްޣާނުން ބޭރުގައި ދިރިއުޅޭ ބައެއް ދަރިވަރުން ވަނީ މިހާރު ދުބާއީއަށް ދަތުރުވެެސް ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!