ޗާޓު މައްސަލައިގައި މަޑުން ތިބުމަށް ޗައިނާއިން އަންގައިފި
ޗައިނާގެ ސަރަހައްދު ކަމަށް ކަނޑައަޅާ އާންމު ކުރި އާ ޗާޓުގައި އިންޑިއާއިން އެމީހުންގެ ތަނެއް ކަމަށް ބުނާ 2 ސަރަހައްދެއް ހިމެނި މައްސަލައިގައި ރުޅި އައުމުން، މަޑުމަޑުން ތިބުމަށް ޗައިނާއިން އަންގައިފިއެވެ.
ޗާޓުގެ މައްސަލައިގައި އިންޑިއާއިން ބުނެފައި ވަނީ، ޗައިނާއިން އަމިއްލަ ކުރަން އުޅޭ 2 ސަރަހައްދަކީ އިންޑިއާގެ ދެ ދަންކަމަށް ވާއިރު އެ މައްސަލަގައި އެންމެ ހަރުކަށި އިބާރާތުން އިހުތިޖާޖު ކުރާ ކަމަށެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވޭންގް ވެންބިން ވިދާޅުވެފައި ވަނީ، ޗައިނާގެ ގާނޫނުތައް ބުނާގޮތުން އަދި ގާނޫނީ އިމުގެ ތެރެއިން އިހުތިސޯސް ކަނޑައަޅާ އާންމު ކުރުމަކީ އާންމު ކަމެކެވެ. އެހެން ކަމުން އެ ކަމުގައި ހިތްހަމަ ނުޖެހޭ ފަރާތްތަކުން ޒިންމާޒާރުވެ މަޑުން ތިބުށާއި އެކަމުގައި ނުބައި ތަރުޖަމާ ނުކުރުމަށް އެދޭ ކަމަށެވެ.
ޗައިނާއިން އަމިއްލަ ކުރި އިންޑިއާއިން ދައުވާ ކުރާ 2 ސަރަހައްދަކީ، އަނޫޗަލް ޕްރަދޭޝް އާއި އަސްކައި ޗިން ކިޔާ ސަރަހައްދެކެވެ. މިތަންތަނަކީ އިންޑިއާ އާއި ޗައިނާ ހިއްސާ ކުރާ 3440 ކިލޯމީޓަރުގެ ދިގު ބޯޑަރު ސަރަހައްދުގައި އޮންނަ 2 ތަނެވެ.
ޗައިނާއިން ބުނަނީ، އަނޫޗަލް ޕްރަދޭޝް އަކީ ދެކުނު ޓިބެޓުގެ ބައެއް ކަމަށާއި އަސްކައި ޗިން އަކީވެސް ފަރުބަދަމަތީގައި އޮންނަ ޗައިނާގެ ކޮންޓްރޯލް ހިނގާ ސަރަހައްދެއް ކަމަށެވެ.
މި މައްސަލައިގައި އިންޑިއާ ރުޅިގަދަވެފައި ވާއިރު، އަންނަ މަހުގެ 9-10 އަށް ތާވަލު ކޮށްފައި އޮތް ޖީ20 ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ޗީ ޖިންގްޕިން ދެން ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގެ އަޑުތަކެއްވެސް މިހާރު ވަނީ ފެތުރިފައެވެ.
މިއަހަރުގެ ޖީ20ގެ ރިޔާސަތު ބަލަހައްޓަނީ އިންޑިއާ ކަމުން ވެރިންގެ ބައްދަލުވުން ބާއްވަން ނިންމާފައި އޮތީ ދިއްލީގައެވެ. މި ބައްދަލުވުމަށް ޝީ ގެ ބަދަލުގައި ދެން ވަޑައިގަންނަވާނީ ޕްރިމިއާ ލީ ކުއާންގް ކަމަށް ވެސް ނުރަސްމީ ރިޕޯޓުތައް ބުނެއެވެ.
ޗާޓުގެ މައްސަލައިގައި އިންޑިއާ ރުޅިގަދަވެފައި ވާއިރު އެ ޗާޓުގައި މެލޭޝިއާ އާއި ޗައިނާ ގުޅޭ ކަނޑުން މެލޭޝިއާގެ ސަރަހައްދެއް ޗައިނާ ތެރެއަށް ވައްދާފައި ވާ މައްސަލައިގައި އެގައުމުން ވެސް ވަނީ ރުޅިއައިސްފައެވެ.
ޗައިނާ ދެކުނުން މެލޭޝިއާގެ ބޯނިއޯ އައިލޭންޑްސް ހިމެނޭ ކަނޑުގެ ސަަރަހައްދަކީ ޗައިނާގެ އިހުތިސޯސްގައި ހިމެނޭ ބައެއްކަމަށް ނިންމާ އާންމު ކުރި އާ މެޕް ގަބޫލު ނުކުރާނެ ކަމަށް ބުނެ މެލޭޝިއާއިން ބުނެފައި ވަނީ ޗައިނާއިން ރޮނގު ދެމި ހިސާބަށް މެލޭޝިއާގެ ސްޓޭޓްތައް ކަމަށް ކަނޑައަޅާފައި ވާ ސަބާހް އާއި ސަރަވަކުގެ ސަރަހައްދަށް ވެސް ވަންނަ ކަމަށެވެ.
އެހެން ކަމުން މެލޭޝިއާގެ މެރިޓައިމް ބައުންޑަރީއަށް ވަންނަ ގޮތަށް ކުރަހާފައި އޮތް ޗާޓް ގަބޫލު ނުކުރާނެ ކަމަށާއި އެއަށް އަމަލުވެސް ނުކުރާނެ ކަމަށެވެ.