ޗައިނާގެ އާ ޗާޓުގައި ދެކުނު ޗައިނާ ކަނޑު އަމިއްލަކޮށްފައި އޮތުމުން މެލޭޝިއާއިން ދެކޮޅުހަދައިފި
ޗައިނާގެ ސަރަހައްދު ފެންނަ އާ ޗާޓުގެ މައްސަލައިގައި އިންޑިއާއިން ރުޅިގަދަވެފައި ވަނިކޮށް މެލޭޝިއާއިން ވެސް ދެކޮޅުހަދައިފިއެވެ.
ޗައިނާ ދެކުނުން މެލޭޝިއާގެ ބޯނިއޯ އައިލޭންޑްސް ހިމެނޭ ކަނޑުގެ ސަަރަހައްދަކީ ޗައިނާގެ އިހުތިސޯސްގައި ހިމެނޭ ބައެއްކަމަށް ނިންމާ އާންމު ކުރި އާ މެޕް ގަބޫލު ނުކުރާނެ ކަމަށް ބުނެ މެލޭޝިއާއިން ބުނެފައި ވަނީ ޗައިނާއިން ރޮނގު ދެމި ހިސާބަށް މެލޭޝިއާގެ ސްޓޭޓްތައް ކަމަށް ކަނޑައަޅާފައި ވާ ސަބާހް އާއި ސަރަވަކުގެ ސަރަހައްދަށް ވެސް ވަންނަ ކަމަށެވެ.
އެހެން ކަމުން މެލޭޝިއާގެ މެރިޓައިމް ބައުންޑަރީއަށް ވަންނަ ގޮތަށް ކުރަހާފައި އޮތް ޗާޓް ގަބޫލު ނުކުރާނެ ކަމަށާއި އެއަށް އަމަލުވެސް ނުކުރާނެ ކަމަށެވެ.
ޗައިނާ އާއި މެލޭޝިއާ ބައްދަލުވާ ސަރަހައްދީ އިމަކީ މީގެ 4000 އަހަރު ކުރިން ވަކި ކޮށްފައި އޮންނަ ސަރަހައްދެކެވެ. އޭރުން ސުރެ އެ އިން ވަކިވެފައި އޮންނަނީ ދުލެއްގެ ބައްޓަމަށް އިން ކުރަހައިގެންނެވެ. މިހާރު ޗައިނާއިން މި ގެނައި ބަދަލުގައި ދެކުނު ޗައިނާ ކަނޑު އެއްކޮށް އަތްދަށު ލުމުގެ ވިސްނުން ގެންގުޅޭ ކަމަށް މުރާސިލުން ބުނެއެވެ.
ދެކުނު ޗައިނާ ކަނޑަށް ޗައިނާ އިން އަތްގަދަ ކޮށްގެން އުޅޭ އިރު އެއީ، ޗައިނާ، ޕިލިޕީންސް، ވިއެޓްނާމް، މެލޭޝިއާ، ޓައިވާން އަދި ބުރޫނާއީ އާ ވެސް ގުޅިފައި އޮންނަ ބޮޑު ކަނޑެކެވެ.
ދުނިޔޭގެ އެންމެ ބިޒީ ކަނޑުއޮޅީގެ ގޮތުގައި ބަލައި މިސަރަހައްދަށް ޗައިނާ އިން އަތްގަދަ ކޮށްފައި އޮތް މައްސަލަ އދ އިން ވެސް އޮންނަނީ ކުށްވެރި ކޮށްފައެވެ. ނަމަވެސް އެ އަޑެއް ޗައިނާ ނާހައެވެ.
ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ އިގުތިސޯދީ އަގަށް ބަލާއިރު، ބައިނަލްއަގުވާމީ ވިޔަފާރީގެ 5.3 ޓްރިލިއަން ޑޮލަރު ހުރަސް ކުރަނީ މި ސަރަހައްދުންނެވެ. އަދި މިއީ އެމެރިކާއާއި ޗައިނާއާ ދެމެދުވެސް ދިގުލާ ގޮސްފައިވާ ދެބަސްވުންތަކާ ގުޅިފައިވާ ސަރަހައްދެއްވެސް މެއެވެ.