ޚަބަރު

ސިޔާސީ ބޭފުޅުން ވެވަޑައިގަންނަވާ ވަޢުދަކީ، ގަނޑެއްގައި ލިޔެފައި ނެތަސް، އެއްބަސްވުމެއް: ޣައްސާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސިޔާސީ ފަރާތްތަކުން، ރައްޔިތުން ކައިރިއަށް އައިސްވާ ވައުދަކީ ގަނޑެއްގައި ލިޔެފައި ނެތަސް، ވެވޭ އެއްބަސްވުމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، މުޙައްމަދު ޣައްސާާން މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޣައްސާާން މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި، މިއަދު ތ.ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޣައްސާން ވިދާޅުވީ ރައްޔިތުން ތިބީ، މި ސަރުކާރާއިމެދުގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށާއި، ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދާތީ، "ކޯފާ"ވެފައި ކަމަށެވެ. ސިޔާސީ ބޭފުޅުންގެ ވައުދުތަކަކީ "އެއްބަސްވުމެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން ކޮށްދެއްވަންވީ ކަމަކީ، ވަޢުދުވެވަޑައިގަތީމަ، އެކަންތައްތައް ފުއްދަވައިދެއްވާތޯ ބައްލަވާ ފާހަގައެއް ޖައްސަވައި، ވޯޓު ދެއްވަނީ. އެމްޑީޕީއަށް، ރައްޔިތުން މިއޮތީ އެކަން ކޮށްދެއްވާފައި،"

ޣައްސާން ވިދާޅުވީ އެމްޑީޕީއަށް ރައްޔިތުން ހުރިހައި ބާރެއް ދިން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެސް ދިން ކަމަށެވެ. އެހެންނަމަވެސް، ވީ ވަޢުދުތައް ނުފުއްދޭ ކަމަށާއި، ގުރައިދޫގެ މަގުތަކުގައި ތާރު އަޅަން ބުނިއިރު، އެކަން ވެސް ނުކޮށްދެވޭ ކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!