ކޮވިޑް-19އާ ގުޅިގެން ސްކޫލުތައް ބަންދުކުރަން ޓީޗަރުންގެ ޖަމިއްޔާއިން ގޮވާލައިފި
ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން، އެބަލި އިތުރަށް ފެތުރުމުގެ ޖާގަ ނުދިނުމަށްޓަކައި ސްކޫލުތައް ބަންދުކުރުމަށް ޓީޗަރުންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން މިއަދު ބުނީ ސިއްހީ ދާއިރާގެ މާހިރުންގެ އިރުޝާދާ އެއްގޮތަށް ސުކޫލުތައް ނުހުޅުވައި ބަންދުކޮށްފައި ބެހެއްޓުމަށް އެދޭ ކަމުގައެވެ. އެގޮތުން ގިނަ މާހިރުންތަކެއް އެދެމުންދަނީ ކޮވިޑް-19އިން ރައްކާތެރިވުމަށްޓަކައި ސުކޫލުތައް ބަންދުކުރުމަށް ކަމުގައިވެސް އެއެސޯސިއޭޝަނުން ފާހަގަކޮށްފައިވެއެވެ.
އެ އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި ސަރުކަރުން އިސްކަންދޭ ތަރުތީބުގައި އެންމެ ފުރަތަމަ އޮންނަންވާނީ ދަރިވަރުންނާއި މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޞިއްޙީ ރައްކާތެރިކަމެވެ.
ސްކޫލު ބަންދުކޮށް، އެއްވެ އުޅުން މަނާކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ސަރުކާރުގެ ތަރުޖަމާން މަބްރޫކް ޢަޒީޒު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ތައްޔާރުކޮށްފައިވާ އިސްތިރާޖީ ޕްލޭނެއްގައި އެކަން ކުރަންޖެހޭ ޙާލަތު އޮންނާނެ ކަމުގައެވެ.
އަދި އޭނާ ވިދާޅުވި ގޮތުގައި އެއިސްތިރާޖީ ޕްލޭނުގެ ދަށުން ސްކޫލުތައް ބަންދުކުރަން ކަނޑައެޅިފައިވާ ޙާލަތު އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި މެދުވެރިވެފައިނުވާ ކަމުގައެވެ. އެޕްލޭނުގައި ބުނެފައިވާ ގޮތުގައި ސްކޫލު ބަންދުކުރެވޭނީ އޮރެންޖު ނުވަތަ ރެޑް ލެވެލް އެލާޓުގައި ކަމުގައެވެ. މިވަގުތު މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެ މިންވަރުގެ އެލާޓެއް ނެރެފައިނުވެއެވެ.